20 އޮކްޓޯބަރ 2019 - 06:26
އާމިރު ޚާނާއި ސައިފް އަލީ ޚާން އަލީ އެކީގައި އަލުން ފިލްމަކުން ފެނިދާނެ ކަމަށް ބުނާ ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި "ދިލް ޗާހަތާ ހޭ" އާއި "ޕަރަމްޕަރާ" ގައި އެކީގައި މަސައްކަތްކޮށްފައިވާ ދެ ތަރިންނަށް ފިލްމެއް ހުށަހަޅާފައި ވަނީ ޑައިރެކްޓަރު ނީރަޖް ޕާންޑޭ އެވެ.
ނަމަވެސް ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އާމިރާއި ސައިފަށް ހުށަހަޅާފައި ވަނީ 2017 ގައި ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމެވެ. ޕުޝްކާރު އާއި ގަޔަތުރީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ އާމިރާ އެކު "3 އިޑިއަޓްސް" ގައި އަދި ސައިފާ އެކު "ރެހެނާ ހޭ ތޭރޭ ދިލް މޭ" ގައި މަސައްކަތްކުރި އާރް މަދަވަން އާއި ވިޖޭ ސެތުޕަތީ ލީޑް ރޯލް ކުޅެފައވާ ފިލްމެކެވެ.
. @aamir_khan to do the Hindi remake of #VikramVedha
— Ramesh Bala (@rameshlaus) October 18, 2019
He will do the @VijaySethuOffl part..
Actor #SaifAliKhan will do #RMadhavan 's part..#PushkarGayathri will direct..
"ވިކްރަމް ވޭދާ" އަކީ ފުލުހަކާއި ގޭންގްސްޓާރެއްގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ބޮލީވުޑްގެ ޚަބަރުތައް ދިރާސާކުރާ ރަމޭޝް ބާލާ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި "ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމުގައި އާމިރު ކުޅޭނީ ވިޖޭ ކުޅުނު ފުލުސް ކެރެކްޓާ ވޭދާގެ ރޯލެވެ. އަދި ސައިފް ކުޅޭނީ މަދަވަން ކުޅުނު ވިކްރަމްގެ ކެރެކްޓާ އެވެ.
މި ފިލްމު ޑައިރެކްޓްކުރާނީ ތަމަޅަ ފިލްމު ވެސް ޑައިރެކްޓްރި ޕުޝްކާރާއި ގަޔަތުރީ ކަމަށް ރަމޭޝް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ވިކްރަމް ވޭދާ" ގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތިން މަސް ދުވަހުގެ ތެރޭގައި ފިލްމުގެ މަސައްކަތް ނިންމައިލާނެ އެވެ. ނަމަވެސް މި ފިލްމާ ބެހޭ ގޮތުން އާމިރާއި ސައިފް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އާމިރު މި ވަގުތު އަންނަނީ އަންނަ މަހު ޝޫޓިން ފަށާ "ލާލް ސިންގް ޗައްޑާ" އަށް ތައްޔާރުވަމުންނެވެ. އަދި އޭނާ ވަނީ ޓީ ސީރީޒްގެ ބާނީ ގުލްކުޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" އަށް ވެސް ސޮއިކޮށްފަ އެވެ.
ސައިފްގެ އެންމެ ފަހުގެ ފިލްމު "ލާލު ކަޕްތާން" ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ޖަވާނި ޖާނެމަން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޅޮސް އުނދޯލި
20 October 2019
ވިކްރަ މް ވޭދާގަ މާދަވަން އަކީ ޕޮލިސް. ވިޖޭ އަކީ ގޭންގް ސްޓާރ.