ކަރަން ޖޯހަރް: ރީތި ފިލްމުތަކެއް އުފައްދާފައިވާ މޮޅު ޑައިރެކްޓަރެއް
28 ސެޕްޓެމްބަރ 2016 - 06:13
މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ފެންނަ އެއްވެސް މީހަކަށް އޭނާއަކީ ޑިޕްރެޝަންގެ މައްސަލަތަކެއް ހުރި މީހެއް ކަން ގަބޫލުކުރަން ދަތިވާނެ އެވެ. އޭނާ އުޅެނީ އެހާވެސް މަޖާ ކޮށެވެ.
ކަރަން ޑައިރެކްޓްކުރާ އާ ފިލްމު "އޭ ދިލް ހެ މުޝްކިލް" ރިލީޒް ކުރަން ތައްޔާރުވަމުންދާއިރު ކަރަން ވަނީ އޭނާގެ ހަޔާތުގެ މުހިއްމު ވާހަކަތަކެއް އެންޑީޓީވީއާ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ދެ އަހަރު ވަންދެން ތަހައްމަލުކުރި ޑިޕްރެޝަންގެ މައްސަލަތައް ވެސް ހިމެނެ އެވެ.
މީގެ ކުރިން ދުވަހަކުވެސް ކަރަން މިފަދަ ވާހަކައެއް ނޫސްވެރިންނަށް ކިޔައިދީފައެއް ނުވެ އެވެ.
"އެއީ ވަރަށް އަނދިރި، އަމިއްލަ ބާރެއް ނެތްކަމުގެ އިހްސާސްތަކެއް ކުރެވުނު ދުވަސްވަރެއް. އެކަމުން ސަލާމަތްވާން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އަހަންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހްސާސް ކުރެވުން މުޅިން ހުއްޓުނު. އެއްގޮތަކަށް ވެސް ނުނިދި އަބަދުވެސް ރުންކުރު މޫޑެއްގައި ދުވަސްތައް ހޭދަކުރެވުނު،" ކަރަން ކިޔައިދީފައިވެ އެވެ.
ކަރަން އާއި އަނުޝްކާ: އެކުވެރިންގެ ލޯބި ލިބުނަސް ދިރިއުޅުން ވަރަށް އެކނިވެރިކަމަށް ކަރަން ބުނޭ
ޑިޕްރެޝަންގެ ޝިކާރައަކަށް ކަރަން ވީ ކީއްވެ ހެއްޔެވެ؟ ސުވާލުގެ ޖަވާބުގައި ކަރަން ބުނީ ބައްޕަ މަރުވިތާ 12 ވަރަކަށް އަހަރު ވެފައި ވިޔަސް ބައްޕަ އެ ހިތާމައިން މުޅިން އަރައި ނުގަނެވިފައި ހުންނަން ޖެހުމުން ޑިޕްރެޝަންގެ މައްސަލަ ބޮޑުވީ ކަމަށެވެ. އަދި ހަޔާތުގެ ބައިވެރިޔަކު ހޯދުމުގައި އޭނާއަށް ނާކާމިޔާބުވެފައިވުން އެއީ ވެސް އޭނާ ކުރަމުންދިޔަ ހިތާމައެކެވެ.
ކަރަން ބުނި ގޮތުގައި އޭނާގެ އެކުވެރިންގެ ފަރާތުން އޭނާއަށް އިންތިހާއަށް ލޯބި ލިބެމުންދިޔަ ނަމަވެސް އޭނާގެ ހަޔާތުގައިވާ އެކަނިވެރިކަން ފިލާނެ ގޮތެއް ނުވި ކަމަށެވެ.
އޭނާގެ ޑިޕްރެޝަންގެ ޒިންމާ ފިލްމީ މަސައްކަތާ އަޅުވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އިންޑަސްޓްރީގައި އުޅޭއިރު އުޅެވެނީ ސައިބޯނި ބޮތްކެއް ކަހަލަ ޚިޔާލީ އެހެންނަމަވެސް ކުލަވަރުގަދަ ދިރިއުޅުމެއް ކަމަށާއި އެއްވެސް ކަހަލަ ޖަޒުބާތެއް ހިތުގައި ނުބާއްވާ ހިތްހަމަޖެހޭހާ ގޮތަކަށް ކޮންމެ މީހަކުވެސް އުޅެމުންދާ ކަމަށް ކަރަން ބުންޏެވެ.
"އުމުރުން 44 އަހަރު ވެފައިވާއިރު ހަޔާތުގެ ބައިވެރިޔާއެއް އަދި ދަރިއެއް ވެސް ނެތުމަކީ ހަގީގަތުގައި ވަރަށް ހައްލުކުރަން އުނދަގޫ މައްސަލައެއް،" ކަރަން ބުންޏެވެ.
ޑިޕްރެޝަންގެ މައްސަލަ ބޮޑުވެގެން ގޮސް އެއްފަހަރަކު އޭނާގެ ހިތް ހުއްޓެނީ ހެން ހީވި ފަހަރެއް ވެސް ދިޔަ ކަމަށް ކަރަން ބުންޏެވެ. ނަމަވެސް އޭނާ ޑޮކްޓަރަށް ދެއްކުމުން އެއީ ހިތްނުތަނަވަސްވެގެން ދިމާވި މައްސަލައެއްކަން އެނގުނެވެ.
ކަރަން އާއި އަނުޝްކާ އަދި ރަންބީރު "އޭ ދިލް ހެ މުޝްކިލް"ގެ ސެޓުގައި
އެންމެ ފަހުން ސައިކޭޓްރިސްޓަކަށް ދައްކައިގެން ބޭސްކުރަން ފެށުމުން ރަނގަޅު ވާން ފެށި ކަމަށާއި އޭނާއަށް ޑިޕްރެޝަންގެ މައްސަލަ އެންމެ ބޮޑުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކަމަށް ވެސް ކަރަން ބުންޏެވެ. ކަރަން ބުނި ގޮތުގައި މިހާރު އޭނާއަށް ޑިޕްރެޝަން އިން މުޅިން ސަލާމަތްވެވިއްޖެ އެވެ. އަދި އެކަމަށް ބޭސް ކުރުން ހުއްޓާލިތާ ވެސް ދެ ތިން މަސް ވެއްޖެ ކަމަށް ކަރަން ބުނެފައިވެ އެވެ.
މީގެ ކުރިން ފިލްމީ ތަރި ދީޕިކާ ޕަދުކޯން ވެސް ވަނީ އޭނާއަށް ދިމާވި ޑިޕްރެޝަންގެ މައްސަލަތައް ނޫސްވެރިންނާ ހިއްސާ ކޮށްފަ އެވެ. އަދި ދީޕިކާގެ މިހާރުގެ ލޯބިވެރިޔާ ރަންވީރު ސިންގް އަށް ވެސް އެފަދަ މައްސަލަތަކެއް ތަންކޮޅެއް ކުރިން ކުރިމަތިވެގެން އުޅެފައިވެ އެވެ.
ދީޕިކާ ވަނީ ޑިޕްރެޝަންގެ ބަލި މީހުންނަށް ކައުންސެލިން ދިނުމާއި ކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އޮގަނައިޒޭޝަނެއް ވެސް އުފައްދާފަ އެވެ. ދީޕިކާގެ "ލިވް، ލަވް، ލާފް ފައުންޑޭޝަނުން މިހާތަނަށް ގިނަ ބަޔަކަށް ޑިޕްރެޝަންގެ މައްސަލަތަކުގައި ކަން ކުރާނެ ގޮތުގެ އިރުޝާދު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy