އާ އަހަރަކާ އެކު ޖަސްޓިން ބީބާގެ ލަވައަކާއި ޓުއާއެއް

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާ އަހަރާ އެކު ފޭނުންނަށް އާ ލަވައަކާއި ޓުއާއެއް ގެނެސްދޭން ނިންމައިފި އެވެ.


އެމެރިކާގެ މޮޑެލް ހެއިލީ ބޯލްޑްވިންއާ މި އަހަރު ކައިވެނި ކުރި އުމުރުން 25 އަހަރުގެ ލަވަކިޔުންތެރިޔާގެ އާ ލަވަ އަކީ އަންނަ މަހުގެ 3 ގައި ނެރޭ "ޔަމީ އެވެ. އެ ލަވައިގެ ޓީޒާއެއް ވެސް ޓްވިޓާގައި ބީބާ ވަނީ ހިއްސާ ކޮށްފަ އެވެ.

މީގެ އިތުރުން، އަންނަ އަހަރު ފަށާ ބީބާގެ ޓުއާގެ ތާރީޚުތަކާއި ޝޯ ތައް ކުރިއަށް ގެންދާނެ ތަންތަން ވެސް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. ޖުމްލަ 45 ސިޓީއަކަށް ބާއްވާ ޓުއާ ފަށާނީ މެއި 14 ވަނަ ދުވަހު އެމެރިކާގެ ވޮޝިންޓަންގެ ސިއެޓްލް އިންނެވެ. ޓުއާ ނިންމާނީ ސެޕްޓެމްބަރު 26 ގައި އެމެރިކާގެ ނިއު ޖާޒީ އަށެވެ.

ބީބާ، މިހާތަނަށް ހަތަރު އަލްބަމެއް ނެރެފައިވާ އިރު، އޭނާ ފަސް ވަނަ އަލްބަމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މި އަހަރުގެ ކުރީކޮޅު ބުނެފައިވެ އެވެ. ނަމަވެސް އެއާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަކަށް ނުދެ އެވެ.

ގްރެމީ އެވޯޑް ވެސް ހާސިލް ކޮށްފައިވާ ލަވަކިޔުންތެރިޔާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2015 ގެ "ޕާޕަސް" އެވެ. އަދި އެ އަލްބަމް ޕްރޮމޯޓް ކުރަން "ޕާޕަސް' ގެ ނަމުގައި ދިގު ޓުއާއެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.