20 ޖެނުއަރީ 2020 - 13:54
ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ގައި ބަތަލާ މަދުރިމާ ތުލީ އޭނާގެ ކުރީގެ ލޯބިވެރިޔާ ވިޝާލް އަދިތިޔާ ސިންގަށް ހަމަލާދިން މައްސަލާގައި މި ހަފުތާގައި ގެއިން ބޭރުކޮށްލައިފި އެވެ.
ސަލްމާން ޚާނާ އެކު ގެނެސްދޭ "ވީކެންޑް ކާ ވާރު" ގެ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ސަލްމާން ވަނީ މަދުރިމާގެ ފަރާތުން ފެނުނު އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ބިގް ބޮސްގެ އުސޫލުތަކާ ވެސް ހިލާފު ކަމަކަށްވާތީ އޭނާ ވަގުތުން ގެއިން ދާން އަންގައިފަ އެވެ.
މަދުރިމާ ގެއިން ނެރެލި އިރު، ތަވަޔަކުން ވިޝާލްގެ ފޫކޮޅުގައި ތެޅި މައްސަލާގައި ބިގް ބޮސް ވަނީ އަދަބެއްގެ ގޮތުން މަދުރިމާ އާއި ވިޝާލް ވަކިވަކި ޖަލު ގޮޅިތަކެއްގައި ބަންދު ވެސް ކޮށްފަ އެވެ. މިއާ އެކު އެ ދެ މީހުންނަށް ވަނީ އާއިލާގެ މީހުންނާ ބައްދަލުކުރަން ބިގް ބޮސްގެ ބައިވެރިންނަށް މިދިޔަ ހަފުތާގައި ދިން ފުރުސަތުން ވެސް މަހުރޫމުވެފަ އެވެ.
.@BeingSalmanKhan ne kaha #MadhurimaTuli ko ghar se bahar jaane ke liye! Kya yeh hai unki final sazaa? @Vivo_India @BeingSalmanKhan #BiggBoss13 #BB13 #WeekendKaVaar pic.twitter.com/HoP03ahyER
— COLORS (@ColorsTV) January 18, 2020
މަދުރިމާ އާއި ވިޝާލްގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެ، އެކަކު އަނެކަކު ގަޔަށް ފެން ޖެހުމަށް ފަހު، ވިޝާލް ފުޅިއަކަށް ފެން އަޅަން ހުއްޓައި، މަދުރިމާ ވަނީ ތަވަޔަކުން އޭނާގެ ފޫކޮޅުގައި އެތައް ފަހަރަކު ޖަހައިފަ އެވެ. މި ހަމަލާއާ ގުޅިގެން ވިޝާލް ފެނުނީ ކޮރެއް ޖަހަމުން ހިނގި ތަނެވެ.
އެ ހާދިސާ އަށް އިޝާރާތްކޮށް ސަލްމާން ބުނީ ބައިވެރިންގެ ފަރާތުން ފެންނަ މިފަދަ އަމަލުތަކަކީ އެ މީހުންގެ އަސްލު ސޫރަ ވެސް ދައްކުވައިދޭ ކަންކަން ކަމަށެވެ. އަދި މަދުރިމާގެ ފަރާތުން ފެނުނު މާރާމާރީގެ އަމަލުން، އޭނާއާ ލޯބީގެ ގޮތުން ދެން ގުޅޭ މީހަކަށް ވެސް އޭނާއާ ދޭތެރޭ ސަމާލުވާން ޖެހޭކަން އަންގައިދޭ ކަމަށް ބުންޏެވެ.
ލޯބީގެ ގޮތުން ސީރިއަސްކޮށް ދުވަސްތަކެއް ވަންދެން ގުޅިގެން އުޅުނު މަދުރިމާ އާއި ވިޝާލް ބިގް ބޮސް އަށް ދިޔަ ފަހުން އެ ދެ މީހުންގެ ފަރާތުން ތަކުރާރުކޮށް ދިޔައީ ޒުވާބުކުރުމާއި އަވަގުރާނަ ގޮވުމާއި މާރާމާރީ ހިންގުން ފަދަ އަމަލުތައް ފެންނަމުންނެވެ. އެ ދެ މީހުންނަށް ޝޯ އިން ފުރުސަތު ލިބުނީ ވައިލްޑް ކާޑްގެ ދަށުންނެވެ.
"ބިގް ބޮސް" ސީޒަން 13 ނިމުމަކާ ގާތްވަމުން އަންނަ އިރު، ޝޯގައި މިހާރު ދެމިތިބީ ސިދާތު ޝުކްލާ އާއި ޝެހްނާޒް ގިލް (ސަނާ) އާއި މާހިރާ ޝަރުމާ އާއި ޕާރަސް ޗާބްޅާ އާއި އާސިމް ރިއާޒާއި އާރްތީ ސިންގް އާއި ޝެފާލީ ޖަރީވާލާގެ އިތުރުން ވިޝާލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްވަ
22 January 2020
ރަޝްމީ ކައުންޓް ނުކުރަނީތަ
ފާތުމަތޫ
20 January 2020
ކޮބާ ރަޝްމީ ؟؟؟؟