މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އައިފާ އެވޯޑްސް އިންޑިއާގައި ބާއްވަން ނިންމައި، އެ އިވެންޓް ރަސްމީކޮށް ލޯންޗްކޮށްފި އެވެ.
މި އަހަރު ބާއްވާ 21 ވަނަ އައިފާ އެވޯޑްސް ހަފުލާ އޮންނާނީ އިންޑިއާގެ މަދިޔަ ޕްރަދޭޝްގެ އިންދޯރުގަ އެވެ. އެތަނުގައި އެވޯޑް ހަފުލާ ބާއްވަން ނިންމިކަން އިއުލާންކުރަން ހޯމަ ދުވަހު ބޯޕާލްގައި ބޭއްވި ހަފުލާގައި އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމަލް ނާތާ އެކު ސަލްމާން ޚާނާއި ޖެކްލިން ފެނަންޑޭޒް ފަދަ ތަރިން ބައިވެރިވި އެވެ.
އަންނަ މަހުގެ 21-29 އަށް ގިނަ ހަރަކާތްތަކާ އެކު ބާއްވާ މި އަހަރުގެ އައިފާ އެވޯޑްސް ފުރަތަމަ ފަހަރަށް ސަލްމާން ހޯސްޓްކޮށް ދޭނެ އެވެ. އަދި އޭނާއާ އެކު ހޯސްޓެއްގެ ގޮތުގައި މީގެ ކުރިން އައިފާގެ އެތައް ހަފުލާއެއް ހޯސްޓްކުރި ރިތޭޝް ދޭޝްމުކް ބައިވެރިވާނެ އެވެ.
ދެހާސް ވަނަ އަހަރު ތައާރަފުކުރި އައިފާ އަކީ މިދިޔަ އަހަރާ ހަމައަށް މުޅިން ވެސް އިންޑިއާ އިން ބޭރުގައި ބާއްވަމުން ދިޔަ ހަފުލާއެކެވެ. އެގޮތުން މިހާތަނަށް އެކި ބައްރުތަކުގެ އެކި ގައުމުތަކުގެ މަޝްހޫރު ސިޓީތަކުގައި އެވޯޑް ހަފުލާ ބާއްވާފައިވެ އެވެ.
އިންޑިއާގައި މިދިޔަ އަހަރު އަލަށް އައިފާ ބޭއްވީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މައި މަރުކަޒު މުމްބާއީގަ އެވެ. އައިފާ އަކީ އަބަދު ވެސް ގިނަ ހަރަކާތްތަކާ އެކު ދިގުދެމިގެންދާ އީދެއް ކަހަލަ އިވެންޓެކެވެ. މި އަހަރުގެ ރަސްމީ އެވޯޑް ހަފުލާ ކުރިއަށް ދާނީ އަންނަ މަހުގެ 29 ގަ އެވެ. އަދި ވަރަށް އަވަހަށް ނޮމިނޭޝަންތައް އިއުލާންކުރާނެ އެވެ.
މި އަހަރުގެ އައިފާ އިންދޯރްގައި ބާއްވަން ނިންމިކަން އިއުލާންކޮށްފައި ވަނީ ބައެއް ގައުމުތަކުން އެވޯޑް ހަފުލާ ހޯސްޓްކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ތުރުކީ އާއި ޕޯޗްގަލާއި ސައިޕްރަސް އާއި ދެކުނު ކޮރެއާ ހިމެނެ އެވެ.