އެކްޓިން ވޯކްޝޮޕަކަށް އެންސީއޭ އިން ފުރުސަތު ހުޅުވާލައިފި

އެކްޓްކުރަން ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަކަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ފުރުސަތު ހުޅުވާލައިފި އެވެ.


ފަސް ދުވަހުގެ މުއްދަތަށް ބާއްވާ މި ވޯކްޝޮޕްގައި ބައިވެރިވާ ބޭނުންވާ މީހުން މި މަހުގެ 19 ގެ ކުރިން އީމެއިލް އިން އެކަން އަންގަން ޖެހެ އެވެ.

މި މަހުގެ 22-26 އަށް ބާއްވާ އެކްޓިން ވޯކްޝޮޕަކީ ނިއު ދިއްލީގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ޑައިރެކްޓަރަކާއި އެސޯސިއޭޓް ދެ ޕްރޮފެސަރަކާ އެކު ބާއްވާ ވޯކްޝޮޕެއް ކަމަށް އެންސީއޭ އިން ބުންޏެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަންނާނުންނަކީ އެކްޓްކުރުމުގެ ރަސްމީ ތަމްރީނުތަކެއް ހޯދައިގެން މި ދާއިރާގައި މަސައްކަތްކުރާ ބަޔަކަށް ނުވާތީ އެންސީއޭ އިން މި ހުޅުވައިލި ފުރުސަތަކީ އެކްޓިންއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބޭނެ ވޯކްޝޮޕަކަށްވާނެ އެވެެ. އަދި މިއީ އެކްޓްކުރަން ޝައުގުވެރިވާ އާ މީހުންނަށް ވެސް ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.