"އެހެނަސް" ސީޒަން 2ގެ ޓީޒާ ދައްކާލައިފި

ބައިސްކޯފުން މިދިޔަ އަހަރު ސްޓްރީމްކުރި ވެބް ސީރީޒް "އެހެނަސް" ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފި އެވެ.


ރަވީ ފާރޫގް ޑައިރެކްޓްކުރާ މި ސީރީޒަކީ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު) 2012 ގައި ގެނެސްދިން ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..." އަށް ބިނާކޮށް ހަދާ އެއްޗެކެވެ. މީގައި ކިޔައިދެނީ ޅަ އުމުރުގައި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ޒުވާން ފިރިހެނެއްގެ ވާހަކަ އެވެ.

"އެހެނަސް" މައިގަނޑު ކެރެކްޓާ ނިޔާގެ ރޯލް ކުޅެނީ މުހައްމަދު ވިޝާލެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ޔުނާން، ޝަރާ އާދަމް، އާމިނަތު ޝަމާނާ، އަހުމަދު ޝާރިފް، އާމިނަތު ސިލްނާ، މަރިޔަމް ވަހީދާ އަދި އަލީ އުސާމް ހިމެނެ އެވެ.

ކާސްޓްގައި ގިނައިން އާ ފަންނާނުން ހިމެނޭ ސީރީޒްގެ ކާސްޓްގައި ޝީލާ ނަޖީބާއި މުހައްމަދު މަނިކު ވެސް ހިމެނެ އެވެ. އަދި "އެހެނަސް" ސީޒަން ދޭއްގެ މުހިއްމު ރޯލަކުން މި ފަހަރު އައިޝަތު ރިޝްމީ ވެސް ފެނިގެން ދާނެ އެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑް ނިންމައިލީ ވެސް އޭނަގެ ފެނިލުމަކާ އެކީގަ އެވެ. ރިޝްމީ ކުޅެނީ ނިޔާގެ ފިރިމީހާ ޝާއިރާގެ ކެރެކްޓާ އެވެ.

"އެހެނަސް" ސީޒަން ދޭއްގެ ޓީޒާ ދައްކައިލި ނަމަވެސް ސްޓްރީމްކުރަން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. ފުރަތަމަ ސީޒަނުގައި ޖުމްލަ 10 އެޕިސޯޑް ގެނެސްދިނެވެ.