02 މާޗް 2020 - 07:45
ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ސްރީ ލަންކާގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ފުރަތަމަ ފަހަރަށް ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި 34 އަހަރުގެ ބަތަލާ ސޮއިކުރީ މިދިޔަ އަހަރު ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮން ޖާންސީ" ގެ ޑައިރެކްޝަނުގައި ހިއްސާވި ކްރިޝް އެވެ. އަދި ނަން އިއުލާންނުކުރާ އޭނާގެ އާ ފިލްމުގައި ޖެކްލިންއާ އެކު ބަތަލުގެ ރޯލުން ފެންނާނީ މަޝްހޫރު ތެލެގޫ އެކްޓަރު ޕަވަން ކަލިޔަން، 48، އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ކްރިޝް ބޮޑު ބަޖެޓަކުން ހަދާ އުންމީދީ ޕީރިއަޑް ފިލްމާ ބެހޭ ގޮތުން އޭގެ ޓީމާ މަޝްވަރާކުރަން ޖެކްލިން މިދިޔަ ހަފުތާގައި ވަނީ ހައިދަރުއާބާދަށް ދަތުރެއް ވެސް ކޮށްފަ އެވެ. އަދި ފިލްމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާތީ އެ ފިލްމު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ހަންގާމާ އިން ބުންޏެވެ.
ޖެކްލިން މި ވަގުތު އަންނަނީ ޖޯން އަބްރަހަމާ އެކު "އެޓޭކް" ގެ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާންގެ ފިރިމީހާ ޝްރިސް ކުންދަރް ނެޓްފްލިކްސް އަށް ހަދާ ވެބް ސީރީޒް "މިސިޒް ސީރިއަލް ކިލާ" ގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ.
ޖެކްލިން އެންމެ ފަހުން ފެނިފައި ވަނީ ވެސް ނެޓްފްލިކްސް އިން ސްޓްރީމްކުރި ފިލްމަކުންނެވެ. އެއީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ އިން ގެނެސްދިން "ޑްރައިވް" އެވެ.
ޕަވަނާ އެކު ފިލްމެއް ކުޅެން ލިބުނު އިރު، ޖެކްލިނަށް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިން އަލެއް ނޫނެވެ. އޭނާ ވަނީ މިދިޔަ އަހަރު ޕްރަބާސްއާ އެކު "ސާހޯ" ގެ ލަވައެއް ކުޅުމުގެ އިތުރަށް ކުރިން ޕްރަބޫދޭވާއާ އެކު ލަވައެއް ވެސް ކުޅެފަ އެވެ.
މި އަހަރުގެ ފިތުރު އީދުގައި ޕްރަބޫދޭވާ ޑައިރެކްޓްކޮށް، ސަލްމާން ޚާނާ އެކު "ރާދޭ" ގެ ލަވައަލުން ވެސް ޖެކްލިން ފެނިގެން ދާނެ އެވެ.
ޕަވަން މި ވަގުތު އަންނަނީ 2016 ގައި ރިލީޒްކުރި އަމީތާބް ބައްޗަން ކާމިޔާބު ފިލްމު "ޕިންކް" ގެ ތެލެގޫ ރިމެކްގެ މަސައްކަތްކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy