01 ސެޕްޓެމްބަރ 2021 - 07:15
ތަހުގީގުކުރަމުން އަންނަ މަނީ ލޯންޑްރިންގެ މައްސަލައެއްގައި ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒްއާ ސުވާލުކުރަން ފަށައިފި އެވެ.
މީޑިއާތަކުން ބުނި ސްރީ ލަންކާ އަށް ނިސްބަތްވާ ބަތަލާއާ އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން ހޯމަ ދުވަހު ސުވާލުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ސުކޭޝް ޗަންދުރަޝޭކަރް ކީޔާ މީހަކާ ގުޅުން އޮތް އެތައް ކްރޯޑް ރުފީސްގެ މި މައްސަލާގައި ނިއު ދިއްލީގައި އީޑީން ފަސް ގަޑިއިރު ވަންދެން ޖެކްލިންއާ ސުވާލުކޮށްފައިވެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ކާމިޔާބު ބަތަލާއާ ސުވާލުކުރަނީ ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ހެކި ބަސް ހޯދުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މި މައްސަލަ އާއި ޖެކްލިންއާ އޮތީ ސީދާ ކޮން ކަހަލަ ގުޅުމެއް ކަމެއް ސާފެއް ނުވެ އެވެ.
Enforcement Directorate (ED) is questioning Bollywood actress Jacqueline Fernandez in Delhi for the last five hours, in a money laundering case.
— ANI (@ANI) August 30, 2021
(File photo) pic.twitter.com/ftUj2CkNcN
މީޑިއާތަކުން ބުނީ ހޯމަ ދުވަހު އީޑީން އޭނާ ސުވާލުކޮށް ބަޔާން ނެގުމަށް، ތަހުގީގަށް އަދިވެސް ހާޒިރުކުރަން ޖެހިދާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
މަނީ ލޯންޑްރިންގެ މައްސަލައެއްގައި ޖެކްލިންއާ ސުވާލުކުރަން ފަށާފައި މި ވަނީ މި މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ އާ ފިލްމު "ބޫތު ޕޮލިސް" ގެ ޕްރޮމޯޝަންތަކުގެ މަސައްކަތް ވެސް ކުރިއަށް ދަނިކޮށެވެ. އެ ފިލްމުގެ ކާސްޓްގައި ސައިފް އަލީ ޚާން، އަރުޖުން ކަޕޫރް އަދި ޔާމީ ގޯތަމް ހިމެނެ އެވެ. ދާދި ފަހުން ޔާމީއާ ވެސް މަނީ ލޯންޑްރިންގެ މައްސަލައެއްގައި ސުވާލުކޮށްފައިވެ އެވެ.
ޖެކްލިން 36، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އެޓޭކް"، "ސާކަސް"، "ބައްޗަން ޕާންޑޭ"، "ރާމް ސެތޫ"، ކަންނާޑާ ފިލްމު "ވިކްރަންތު ރޯނާ" އަދި "ކިކް 2" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަނބޫ
01 September 2021
ޖެކުލިން އިގްތިސާދީ ޗޯރަކަށްވަނީބާ؟