05 މާޗް 2020 - 07:20
ޔާޝްރާޖް ފިލްމްސް އިން މި އަހަރުގެ ޖޫން މަހު ގެނެސްދޭން ނިންމާފައިވާ ފިލްމު "ބަންޓީ އޯރް ބަބްލީ 2" ގެ އާބޫ ދާބީ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.
މި ފިލްމަކީ މީގެ 15 އަހަރު ކުރިން ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަނާ އެކު، ޑައިރެކްޓަރު ޝާދު އަލީ ގެނެސްދިން "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެވެ. ނަމަވެސް އާ ފިލްމުގައި ރާނީއާ އެކު ފެންނާނީ ތަފާތު ކާސްޓެކެވެ. އޭގެ ތެރޭގައި ސައިފް އަލީ ޚާނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން އާ ބަތަލާ ޝަރްވާރީ ހިމެނެ އެވެ.
#BuntyAurBabli2 team con with finesse as they wrap the Abu Dhabi schedule! #SaifAliKhan #RaniMukerji @SiddhantChturvD #Sharvari #VarunVSharma @BuntyAurBabli2_ pic.twitter.com/6ud0AxcyDx
— Yash Raj Films (@yrf) March 3, 2020
"ބަންޓީ އޯރް ބަބްލީ 2" މި ފަހަރު ލިޔެ، ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ވަރުން ވީ ޝަރުމާ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 26 ގަ އެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ނުހޯދުނު ބަތަލާ ތަނީޝާ މުކަރްޖީގެ އާ ފިލްމެއް އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.
#TanishaaMukerji... First look poster of spy-thriller #CodeNameAbdul... Directed by Eshwar Gunturu... 24 April 2020 release. pic.twitter.com/dWMIPFQyyI
— taran adarsh (@taran_adarsh) March 3, 2020
ހުނަރުވެރި ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާގެ އާ ފިލްމަކީ "ކޯޑް ނޭމް އަބްދުލް" އެވެ. އީޝްވަރު ގުންތުރޫ ޑައިރެކްޓްކޮށްފައިވާ މި ސްޕައި ތުރިލާ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 24 ގަ އެވެ.
"ކޯޑް ނޭމް އަބްދުލް" ގައި ބެލުންތެރިންގެ މެދުގައި މަގުބޫލު ކާސްޓެއް ވެސް ނެތެވެ. މީގައި ތަނީޝާއާ އެކު ފެނިގެންދާނީ ޚަތޭރާ ހާކިމީ އާއި ސުމެންދު ވެންކަޅޭ އާއި އަޝޯކް ޗައުދަރީގެ އިތުރުން އައްކޫ ކުލްހާރީ އެވެ.
ތަނީޝާ އެންމެ ފަހުން ފެނިފައި ވަނީ 2016 ގެ "އައްނާ" އިންނެވެ.
"ބިގް ބޮސް 13" އިން ވިދައިލި އާސިމް ރިއާޒާއި އެ ޝޯ އިން އޭނާ އަށް ލިބުނު ބައިވެރިޔާ ހިމާންޝީ ކްރާނާގެ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.
މި މަހުގެ 18 ވަނަ ދުވަހު އާންމުކުރާ މި ލަވަ އަކީ ބޮލީވުޑްގައި މިހާރު އެންމެ ވިދާ އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރް ކިޔާފައިވާ ލަވައެކެވެ. ދޭސީ މިއުޒިކް ފެކްޓްރީން ގެނެސްދޭ ލަވައިގައި އަންޝުލް ގަރްގް ވެސް ހިއްސާވެ އެވެ.
މި ވީޑިއޯ ލަވަވެގެން ދާނީ އާސިމާއި ހިމާންޝީގެ ޖޯޑު އެކީގައި ފެންނަ ފުރަތަމަ ލަވައަށެވެ.
އާސިމްގެ އެހެން ވީޑިއޯ ލަވައެއް ވެސް ރިލީޒްކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ މި މަހު ފާހަގަކުރާ ހޮލީއާ ގުޅުވައިގެން، ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒާއި އާސިމް ބައިވެރިކޮށްގެން ހަދާ ލަވައެކެވެ.
ތުންފަތް ރީތިކުރަން ޕްލާސްޓިކް ސާޖަރީއެއް ހެދިކަން ބަތަލާ ޝްރޫތީ ހަސަން އެއްބަސްވެއްޖެ އެވެ.
މަޝްހޫރު އެކްޓަރު ކަމަލް ހަސަންގެ ދޮށި އަންހެން ދަރިފުޅު ޕްލާސްޓިކް ސާޖަރީއެއް ހެދި ވާހަކަ އަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ތުންތުންމަތިން ދެކެވެމުން ދިޔަ ވާހަކަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން މިހާތަނަށް ހިމޭނުން ހުރުމަށް ފަހު، ޝްރޫތީ ވަނީ އިންސްޓަރްގާމްގައި އާންމުކުރި ދިގު ޕޯސްޓެއްގައި ޕްލާސްޓިކް ސާޖަރީ ހެދި ވާހަކަ ހިއްސާކޮށްފަ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި އެކަން ކުރަން މަޖުބޫރުވީ އޭނާގެ މޫނުމަތީގެ ސިފައާ ދޭތެރޭ ބައެއް ޑައިރެކްޓަރުން ހިތްހަނުޖެހިގެން އެ ވާހަކަ ދައްކާތީ އެވެ. މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުން ފެންނަ ޝްރޫތީ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްްހޫރު ބަތަލާއެކެވެ.
އޭނާ ބުނީ ޕްލާސްޓިކް ސާޖަރީއެއް ހެދި ވާހަކަ ހިއްސާކުރި ނަމަވެސް އެކަމަކީ އެއްވެސް މީހަކަށް ހިތްވަރުދޭ ކަމެއް ނޫނެވެ. ނަމަވެސް ބޮލީވުޑްގެ ބައެއް ބަތަލާއިންނަކީ ސިފަ ރީތިކުރަން ޕްލާސްޓިކް ސާޖަރީ ހަދާފައިވާ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy