މި އަހަރުގެ މެޓް ގާލާ ކެންސަލްކޮށްފި

ފެޝަނުގެ ދުނިޔެ އަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ މެޓް ގާލާ ކޮވިޑް-19އާ ހެދި ފަސްކޮށްފި އެވެ.


ވޯގުން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓް ފަސްކުރި އިރު، އެމެރިކާގެ ނިއު ޔޯކްގެ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި މި އަހަރުގެ މެޓް ގާލާ ތާވަލުކޮށްފައި އޮތީ މެއި މަހުގެ 4 ވަނަ ދުވަހަށެވެ.

އިވެންޓް ކެންސަލްކުރި އިރު، މިއުޒިއަމް ވަނީ އަންނަ މަހުގެ 4 އާ ހަމަ އަށް ވަގުތީ ގޮތުން ބަންދު ވެސް ކޮށްފަ އެވެ. އަދި އެތަނުން ބުނީ ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެއި މަހުގެ 15 އާ ހަމައަށް އެތަނުގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

މެޓް ގާލާ އިވެންޓްގެ ކޯ-ޗެއާ އަދި ވޯގް މަޖައްލާގެ އެމެރިކާ އެޑިޝަންގެ އެޑިޓަރު-އިން ޗީފް އަނާ ވިންޓޯ ވިދާޅުވީ މެޓް ގާލާ ފަސްކުރި ނަމަވެސް މި އަހަރުގެ އެހެން ތާރީހެއްގައި މި އިވެންޓް ބޭއްވުމާ ދޭތެރޭ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މި އަހަރުގެ މެޓް ގާލާ ހޯސްޓްކުރާ ގޮތަށް އޮތީ މެރީލް ސްޓްރީޕާއި އެމާ ސްޓޯންގެ އިތުރުން ލިން-މެނުއަލް މިރަންޑާ އެވެ. އަދި މި އަހަރުގެ "އެބައުޓް ޓައިމް: ފެޝަން އެންޑް ޑިއުރޭޝަން" ގެ ނަމުގައި ކުރިއަށް ގެންދަން ރޭވި އެގްޒިބިޝަން ސްޕޮންސަކޮށްފައި އޮތީ ފްރާންސްގެ މަޝްހޫރު ކުންފުނި ލުއީ ވިޓޯނުންނެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މި އަހަރުގެ މެޓް ގާލާ އަކީ ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކްލް އެނބުރި އެންޓަޓައިންމަންޓް އިންޑަސްޓްރީ އަށް ވަޑައިގަންނަވާނެ ކަމަށް ވެސް ބެލެވުނު އިވެންޓެވެ.

އެންމެ ފުރަތަމަ މެޓް ގާލާ ބޭއްވީ 1948 ގަ އެވެ.