ރިޗާ.
15 އެޕްރީލް 2020 - 08:17
ލޮކްޑައުންގައި މިހާރު ކުރަމުން އަންނަ އެންމެ ހާއްސަ އެއް ކަމަކީ ސްކްރިޕްޓެއް ޑިވެލޮޕްކުރުން ކަމަށް ބޮލީވުޑްގެ ބަތަލާ ރިޗާ ޗައްޑާ ބުނެފި އެވެެ.
މި މަހުގެ ތެރޭގައި އެކްޓަރު އަލީ ފަޒަލްއާ ކައިވެނިކުރަން ތައްޔާރުވަމުން ދަނިކޮށް ކޮރޯނާވައިރަހާ ހެދި އޮކްޓޯބަރަށް ކައިވެނި ފަސް ވެސް ކޮށްފައިވާ ބަތަލާ ބޮލީވުޑްގެ ހަންގާމާ އަށް ބުނީ ލިޔުމުގެ ޝައުގުވެރިކަން މި ދަނޑިވަޅުގައި އުފެދުނީ ގޭގައި ގިނަ ވަގުތު ހުންނަން ޖެހުމުން ކަމަށެވެ. އެގޮތުން ގޭތެރޭގައި ކޮންމެ ދުވަހަކު ކިުރަން ޖެހޭ ކަންކަން ނިންމައިލުމަށް ފަހު، ވަރަށް ގިނަ ވަގުތު ލިބޭ ކަމަށް ބުންޏެވެ.
"އެގޮތުން ފޮތްތައް ކިޔުމަކީ ވެސް މިހާރު ވަރަށް ގިނައިން ކުރެވޭ ކަމެއް. އަދި މިހެން މާ ބޮޑު ކަމެއް ނެތިފައި ހުންނަން ޖެހުނީ އައި ހިޔާލެއްގެ މައްޗަށް ސްކްރިޕްޓެއް ލިޔަން ފަށައިގެން މި އުޅެނީ." ޖެނުއަރީ މަހު ރިލީޒްކުރި "ޕަންގާ" ގެ ރޯލެއް ވެސް ކުޅުނު ބަތަލާ ބުންޏެވެ.
ރިޗާ ބުނިގޮތުގައި އޭނާ ލިޔަނީ އެންމެ ގަޔާވާ ކޮމެޑީ ޖޯންރާގެ އެއްޗެކެވެ. އަދި މިކަމަށް އެކުވެރި ލިޔުންތެރިއެއްގެ ހިޔާލާއި މަޝްވަރާ ވެސް ލިބޭ ކަމަށް ބުންޏެވެ.
"ލިޔަން ފެށީމަ ހަގީގަތުގައި މިކަމަށް އިތުރަށް ލޯބި ވެސް ޖެހިއްޖެ. އެހެންވެ މި މަސައްކަތްކުރަނީ ވަރަށް މަޖާ ހާދިސާތަކެއް ހިމެނޭ ސްކްރިޕްޓެއް ލިޔަން. މީގައި އަހަރެން ބޮޑަށް ބަލާނީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ތެރޭގައި ދިމާވާ މަޖާ ކަންތައްތައް ގެންނަން،" ބްލެކް ކޮމެޑީ "ފުކްރޭ" ސީރީޒްގެ ބަތަލާ ބުންޏެވެ. "މިއީ އެންމެންނާ ވެސް ރިލޭޓްވާ ކަހަލަ އެއްޗަކަށް ވާނެ."
ރިޗާ ބުނީ ސްކްރިޕްޓް ނިންމާފައި ޕްރޮފެޝަނަލް ސްކްރީން ރައިޓަރެއްގެ އެހީގައި އެ ޕޮލިޝް ވެސް ކުރާނެ ކަމަށެވެ. ނަމަވެސް އެއަށް ފިލްމެއް ހަދާނެ ދުވަހެއް ނުބުނެ އެވެ.
ރިޗާ، 33، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝަކީލާ" އާއި "އަބީ ތޮ ޕާޓީ ޝުރޫ ހުއީ ހޭ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy