05 ޖޫން 2020 - 09:38
ސަލްމާން ޚާނަކީ ހުނަރުން ފުރިފައިވާ އެކްޓަރެކެވެ. އޭނާގެ ހުނަރުގެ ލިސްޓް ކުރުކޮށް ތަރުތީބުކުރާ ނަމަ މިހުރީ ލިސްޓްގައި ހުންނާނެ ކަންކަމެވެ. އެކްޓްކުރުން، ލަވަކިޔުން، ޅެން ހެދުން، ކުރެހުން، ލަވަ ޑައިރެކްޓްކުރުން، ޕްރޮޑިއުސްކުރުން ރިއަލިޓީ ޝޯތައް ހޯސްޓްކުރުން އަދި އަމިއްލަ ވިޔަފާރި ހިންގުން ފަދަ އެތައް ކަމެކެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން ސަލްމާން މިހާރު އަންނަނީ މި ލޮކްޑައުންގެ ތެރޭގައި ލޯބީގެ އަސަރުގަދަ ވާހަކައަކަށް ފިލްމެއްގެ ސްކްރީންޕްލޭ ލިޔަމުންނެވެ. މި މަސައްކަތް އޭނާ ފެށީ ލޮކްޑައުންގެ ދިގު މުއްދަތެއް އަމިއްލަ ފާމްހައުސްގައި ހޭދަކުރުމުގެ ތެރޭގައި ކަމަށްވެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ޒުވާން ދެ ޖޯޑެއްގެ ވާހަކަ ކިޔައިދޭން ސަލްމާން ލިޔާ ސްކްރީންޕްލޭގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިންމައި، އެކަން ރަސްމީކޮށް ހިއްސާކުރާނެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ސަލްމާނަކީ ފިލްމުތަކުގެ ސްޓޯރީލައިން ރޭވުމުގައި ބީރައްޓެހި ފަންނާނެއް ނޫން ކަމަށެވެ.
އޭނާގެ ވާހަކަތަކަށް ހެދި ފިލްމުތަކުގެ ތެރޭގައި 1990 ގައި ކުޅުނު ފިލްމު "ބާގީ" އާއި 2010 ގެ "ވީރު" ހިމެނެ އެވެ.
ދީޕަކް ޝިވްދަސާނީ ޑައިރެކްޓްކުރި ރޮމޭންޓިކް/އެކްޝަން-ޑްރާމާ "ބާގީ" އަކީ ސަލްމާންގެ ވާހަކައަކަށް ޖާވިދު ސިއްދީގީ ސްކްރީންޕްލޭ ލިޔުނު ފިލްމެކެވެ. "ވީރު" އަކީ ސަލްމާންގެ ވާހަކައަކަށް ޝައިލާޝް ވަރުމާ އާއި ޝަކްތިމާން ތަލްވާރު ސްކްރީންޕްލޭ ލިޔުނު ފިލްމެކެވެ. އަނިލް ޝަރުމާ ޑައިރެކްޓްކުރި އެ ފިލްމަކީ އިނގިރޭސީންގެ ރަސްކަން އިންޑިއާގައި އޮތް ދުވަސްވަރުގެ ވާހަކަ ކިޔައިދިން ފިލްމެކެވެ.
ސަލްމާން ސްކްރީންޕްލޭއެއް ލިޔާ ވާހަކަ ބުނުމަކުން ހައިރާންވާން ނުޖެހޭ އަނެއް ސަބަބަކީ އޭނާގެ ބައްޕަ ސާލިމް ޚާނަކީ ކާމިޔާބު އެތައް ފިލްމެއް ލިޔެފައިވާ މީހަކަށްވުމެވެ. އޭގެ ތެރޭގައި ޅެންވެރިޔާ ޖާވިދު އަޚްތަރާ ގުޅިގެން ލިޔުނު ފިލްމުތައް ވެސް ހިމެނެ އެވެ.
ސަލްމާނާއި ސާލިމް.
ސާލިމް-ޖާވިދަކީ 70 ގެ އަހަރުތަކުގައި ގެނެސްދިން ވަރަށް ކާމިޔާބު ފިލްމުތަކެއްގެ ސްކްރީން ރައިޓަރުންނެވެ. އޭގެ ތެރޭގައި "ޝޯލޭ" އާއި "ޑޮން" އާއި "ދޯސްތާނާ" އާއި "ސީތާ އޯރް ގީތާ" އަދި "ދީވާރު" ފަދަ އައިކޮނިކް އެތައް ފިލްމެއް ހިމެނެ އެވެ.
ސާލިމް އެކަނި ސްކްރީންޕްލޭ ލިޔުނު ފިލްމުތަކުގެ ތެރޭގައި ސަލްމާނާއި ރަވީނާ ޓަންޑަން ކުޅުނު "ޕައްތަރު ކޭ ޕޫލް" އާއި މަހޭޝް ބަޓްގެ "ނާމް" އާއި ސަލްމާންގެ "މަޖްދާރު" ހިމެނެ އެވެ.
ބައްޕަ ކުޅަދާނަ ސްކްރީން ރައިޓަރަކަށްވާތީ އެ ހުނަރު ސަލްމާނަށް ލިބިފައިވުމާއި އަދި ބައްޕަގެ އެހީ ސަލްމާންގެ ސްކްރިޕްޓަށް ހޯދާނެކަމާ ދޭތެރޭ ވެސް ޝައްކެއް ނެތެވެ. ސަލްމާންގެ ފޭނުން ދެން ބަލަން ބޭނުން ވަނީ އަމިއްލަ އަށް ސްކްރީންޕްލޭ ލިޔާ ފިލްމުން ސަލްމާން ފެންނާތޯ ބެލުމެވެ. އެކަމަށް އަދި ޖެހޭނީ އިންތިޒާރުކޮށްލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy