އިންޑިއާގައި މާޗް މަހުގެ ފަހުކޮޅު ލޮކްޑައުން އިއުލާންކުރީ ސަލްމާން ޚާންގެ އާއިލާގެ ބަޔަކާ އެކު، އޭނާގެ ޕޭންވޭލް ފާމް ހައުސް އަށް ދިޔަތަނާ މާ ގިނަ ދުވަސްތަކެއް ނުވަހީނެވެ. އެތަނަށް ދިޔައީ ހަގު އަންހެން ކޮއްކޮ އަރުޕިތާ ޚާނާއި އެކްޓަރު އާޔުޝް ޝަރުމާގެ ދޮށީ ފިރިހެން ދަރިފުޅު އާހިލް ޝަރުމާގެ ހަތަރު ވަނަ އުފަން ދުވަސް މާޗް މަހުގެ 30 ވަނަ ދުވަހު ފާހަގަކުރާށެވެ.

މާޗް މަހުގެ 25 ގައި ލޮކްޑައުން އިއުލާންކުރުމާ އެކު ސަލްމާނަށް ޖެހުނީ އެނބުރި މުމްބާއީ އަށް ދެވޭ ގޮތެއް ނެތި ފާމްހައުސްގައި ހުންނާށެވެ. އެކަމަކު މި ކަރަންޓީނުގެ ތެރޭގައި ވަނީ އޭނާ ވަނީ އުފެއްދުންތެރި މަސައްކަތްތަކެއްކޮށް، ބެލުންތެރިންނާ ހިއްސާ ވެސް ކޮށްފަ އެވެ.

އެއީ އަމިއްލަ އަށް ކިޔާފައިވާ ދެ ލަވަ އާއި އޭގެ ވީޑިއޯ ގެނެސްދިނުމެވެ. އޭގެ ތެރެއިން ފުރަތަމަ ލަވަ އަކީ ސަލްމާން ޑައިރެކްޓް ވެސްކޮށް، ބަތަލާ ޖެކްލިން ފެނަންޑޭޒާ އެކު ކުޅުނު "ތެރެ ބިނާ" އެވެ. އަނެއް ލަވަ އަކީ ފިތުރު އީދާ ދިމާކޮށް ގެނެސްދިން "ބާއީ ބާއީ" އެވެ.

އަނެއް ޚަބަރަކީ ފާމްހައުސްގެ ސެލްފް ކަރަންޓީނުގެ ތެރޭގައި ސަލްމާނާއި އާއިލާ އާއި އެކުވެރިން ހޭދަކުރި ދުވަސްތައް މިހާރު ޓީވީ ޝޯއެއްގެ ގޮތުގައި ގެނެސްދޭން ނިންމުމެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ހައުސް އޮފް ބައިޖާންޒް" ގެ ނަމުގައި ގެނެސްދޭން ނިންމާފައިވާ މި ޝޯ ބެލުންތެރިންނާ ހަމައަށް އަންނާނީ ކަލާޒް ޗެނެލުންނެވެ.

އަދި މި ޝޯ ޕްރޮޑިއުސްކޮށްފައި ވަނީ ސަލްމާންގެ ކުންފުނި އެސްކޭއެފްގެ ޓީވީ އާއި ބަނިޖޭ އޭޝިއާ ގުޅިގެންނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ހައުސް އޮފް ބައިޖާންޒް" ޕްރެޒެންޓްކޮށް ދޭނީ ސަލްމާން ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ޝޯ "ނަޗް ބަލިޔޭ" ސީޒަން ނުވައެއްގެ ހޯސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ބަތަލާ ވަލޫޝާ ޑީ ސޫޒާ އެވެ.

މި ޝޯއިން ފާމްހައުސްގައި ސަލްމާނާއި އެކުވެރިންނާއި އާއިލާ ހޭދަކުރި ގޮތާއި އެތަނުގެ މުވައްޒަފުންގެ ކަންކަން ވެސް ދައްކުވައިދޭނެ އެވެ. އަދި ޝޯ އިން ފެންނާނެ ތަރިންގެ ތެރޭގައި ލޮކްޑައުންއާ ދިމާކޮށް ފާމްހައުސްގައި ތިބި ބަތަލާއިން ކަމަށްވާ ޖެކްލިން އާއި ޑެއިޒީ ޝާހްގެ އިތުރުން ސަލްމާނާ ގާތް ގުޅުމެއް އޮންނަ ރުމޭނިއާގެ އޫލިއާ ވަންތޫރު ހިމެނެ އެވެ.

"ހައުސް އޮފް ބައިޖާން" ގެ ވާހަކަ މީޑިއާތަކަށް ތިލަވި ނަމަވެސް މިކަން އަދި ރަސްމީކޮށް ސަލްމާނާއި ކަލާޒުން އިއުލާނެއްނުކުރެ އެވެ. ސަލްމާނަކީ ކަލާޒްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ތަރިއެކެވެ. ސަބަބަކީ އޭނާ އަކީ އެ ޗެނެލްގެ އެންމެ ހިޓް ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ހޯސްޓަށްވުމެވެ.