އަންނަ މަހުގެ ތެރޭގައި ލޯންޗްކުރާނެ ކަމަށް އިއުލާންކޮށްފައިވާ ވޯނާ ބްރަދާޒްގެ އާ ސްޓްރީމިން ޕްލެޓްފޯމް އެޗްބީއޯ މެކްސް އަށް ތިން ސީރީޒެއް ހަދައިދޭން، މަޝްހޫރު ޑައިރެކްޓަރު ޖޭޖޭ އަބްރަމްސް ތައްޔާރުވެއްޖެ އެވެ.

"ސްޓާ ވޯސް" ގެ ފިލްމުތަކެއް ވެސް ގެނެސްދިން ޑައިރެކްޓަރު ހަދަން ނިންމާފައިވާ ތިން ސީރީޒަކީ ކުރިން ގެނެސްދީގެން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ތިން ފިލްމަކުން ކުރިފަޅުވައިގެން ހަދާ ސީރީޒްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ މާވެލްގެ ޖަސްޓިސް ލީގް ޑާކް ދުނިޔެ އަށް ބިނާކޮށް ހަދާ ސީރީޒަކާއި ދަ ޝައިނިން (އޯވަލުކް) ގެ އިތުރުން "ޑަސްޓާ" އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި މި ތިން ޕްރޮޖެކްޓް ޑީސީ ހަދަން ނިންމާފައި ވަނީ އަންހެނުން ކެޓީ މެގްރެތާ އެކު އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ހިއްސާވާ ގޮތަށެވެ. މިއީ 1970 ގެ އަހަރުތަކުގެ ވާހަކައެއް ކިޔައިދޭނެ ކްރައިމް ތުރިލާއެކެވެ.

"ޑަސްޓާ" އަކީ ޖޭޖޭ އާއި "ދަ ވޯކިން ޑެޑް" އާއި ޕޭރަންޓްހުޑް" ގެ ރައިޓަރު ލަޓޯޔާ މޯގަން ގުޅިގެން ލިޔާ ސްކްރިޕްޓަކަށް ހަދާ އެއްޗެކެވެ.

"އޯވަލުކް ހޮޓެލް" އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓެފެން ކިންގްގެ ވާހަކަ "ދަ ޝައިނިން" އަށް ބިނާކޮށް ހަމަ އެ ނަމުގައި 1980 ގައި ގެނެސްދިން ފިލްމުގައި ދައްކުވައިދޭ އައިކޮނިކް އޯވަލުކް ހޮޓަލަށް ބިނާކޮށް ހަދާ 10 އެޕިސޯޑްގެ ބިރުވެރި ސީރީޒެކެވެ. "އޯވަލުކް ހޮޓެލް" ގެ ސްކްރީންޕްލޭ ލިޔަނީ ހުލޫ އިން ގެނެސްދިން އެންތޮލޮޖީ ސީރީޒް "ކާސަލް ރޮކް" ގެ ލިޔުންތެރިން ކަމަށްވާ ޑަސްޓިން ތޮމާސަނާއި ސްކޮޓް ބްރައުނެވެ.

ޖަސްޓިސް ލީގް ޑާކް ޔުނިވާސް އަށް ބިނާކޮށް ހަދާ ސީރީޒްގެ ނަމާއި އޭގެ ޕްލޮޓާ ބެހޭ ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.

މި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން އެޗްބީއޯ މެކްސްގެ ޗީފް ކޮންޓެންޓް އޮފިސަރު ކެވިން ރެއިލީ ބުނީ ޖޭޖޭ ކަހަލަ ވަރުގަދަ ފަންނާނަކާއި ވޯނާ ބްރޮސް ގުޅިގެން މަސައްކަތްކުރާ ނަމަ އިތުރަށް ދެން ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އެހެންވެ ބެލުންތެރިން އުންމީދުކުރަންވީ ވަރަށް ފުރިހަމަ އެހާމެ މޮޅު އަދި ޝައުގުވެރި އުފެއްދުންތަކަކަށް ކަމަށް ބުންޏެވެ.

"މި ތިން ޕްރޮޖެކްޓަށް ބަލާ އިރު މި އެއްޗިއްސާ ގުޅިފައި ހުރި ނަންތަކަކީ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ފަންނާނުންތަކެއް. އެހެންވީމާ ކޮލިޓީއާ ދޭތެރޭ ޝައްކުކުރާނެ އެއްވެސް ޖާގައެއް ނެތް." ކެވިން ބުންޏެވެ.

ނަމަވެސް އުފެއްދުންތައް ގެނެސްދޭން ފަށާނެ އިރެއް އަދ އިއުލާނެއްނުކުރެ އެވެ. އެޗްބީއޯ މެކްސް ލޯންޗްކުރާނެ ކަމަށް ބުނެފައި ވަނީ އަންނަ މަހުގެ 1 ގަ އެވެ.