އިންޑިއާގައި މިހާރު ރަސްމީ ބަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބަސްތަކުގެ ތެރެއަށް އިންޑިއަން ސައިން ލެންގްއޭޖް (އައިއެސްއެލް) ހިމަނަން ގޮވާލައި، އެކަމަށް ހާއްސަ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ފަށައިފި އެވެ.

ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ބުނީ ބީރު އަދި މަންމަނު މީހުންނަށް ހާއްސަ އިޝާރާތުގެ ބަހުރުވަ އަކީ މިހާރުން މިހާރަށް އިންޑިއާގެ ރަސްމީ 23 ވަނަ ބަހުރުވައެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އާންމުންގެ ތެރޭގައި މިކަމަށް ހޭލުންތެރިކަން އުފެއްދުމަށް ރަންވީރާއި މިދިޔަ އަހަރު ތައާރަފުކުރި އޭނާގެ އަމިއްލަ މިއުޒިކް ލޭބަލް އިންކްލިންކް ރެކޯޑްސް އިން ވަނީ ސައިން ލެންގްއޭޖަށް ހާއްސަ ވީޑިއޯއެއް ވެސް ނެރެފަ އެވެ.

ރަންވީރު މި މަސައްކަތް ފަށާފައި ވަނީ ނެޝަނަލް އެސޯސިއޭޝަން އޮފް އޮފް ދެ ޑެފް (އެންއޭޑީ) އާއި އެކްސެސް މަންތުރާ ފައުންޑޭޝަން (އޭއެމްއެފް) ގުޅިގެންނެވެ. އޭނާ ބުނީ ދެ ޖަމިއްޔާ އިން ކުރަމުން އަންނަ މަސައްކަތްތަކަކީ ނަމޫނާއެއް ކަމަށާއި އެއީ ގިނަ ބަޔަކު ބަލައިގަންނަން ޖެހޭ މަސައްކަތެއް ކަމަށެވެ.

"އެހެންވެ މިކަމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކޮށް ދިނުމަކީ ވެސް ވަރަށް ބޮޑު އެދުމެއް. މިއީ އަހަރެމެންގެ އާބާދީގެ ފުދޭ ވަރެއްގެ ވަރަށް ބޮޑު ޕަސަންޓޭޖެއްގެ ހައްގުގައި ކުރާ މަސައްކަތެއް." އޭނާ ބުންޏެވެ.

ރަންވީރު ބުނިގޮތުގައި އިންޑިއާގެ ރަސްމީ ބަހުރުވައެއްގެ ގޮތުގައި އިޝާރާތުގެ ބަހުރުވަ ވީހާ ވެސް އަވަހަކަށް ހިމަނައި ދިނުމަކީ ކަމާބެހޭ ފަރާތްތަކުގައި އެދޭ ވަރަށް ބޮޑު އެދުމެކެވެ. އަދި އެކަން ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.