ސަލްމާން ޚާނަށް މި އަހަރު 55 އަހަރު ފުރޭނެ އެވެ. އުމުރުން ކިތަންމެ ދުވަސްވިޔަސް މި އެކްޓަރުން ސްކްރީނުން އަދިވެސް ފެންނަނީ ވަރަށް ޒުވާންކޮށް އަދި ފިޓްކޮށެވެ.
އެކަމަކު ސުވާލަކީ ސްކްރީނުން އެ ފެންނަނީ ހަމަ އަސްލު ވެސް ސަލްމާން ހުންނަ ގޮތް ހެއްޔެވެ؟ ޔަގީނުން ވެސް ގިނަ ބަޔަކު ދެބަސްނުވާނެ ފަދައިން ސަލްމާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ރީތި އެކެކެވެ. އަދި ގިނަ އަންހެނުން އެންމެ ހިތްކިޔާ އެކަކީ އަދިވެސް އޭނަ އެވެ.
އެކަމަކު ސަލްމާންގެ މި ފޮޓޯ އަށް ބަލައިލާށެވެ. ތަފާތެއް ފެނޭ ހެއްޔެވެ؟ ގިނަ ބަޔަކަށް އެ ތަފާތު ފާހަގަކުރެވިގެން އެކި ކަހަލަ ޝުއޫރުތައް ވަނީ އޮއްސާލައިފަ އެވެ. ގިނަ ބަޔަކު ބުނަނީ ސަލްމާން އެހެރީ އޭނާގެ އަސްލު ސިފައިގައި ކަމަށެވެ. އަދި އޭނާގެ އަސްލު އުމުރު ފޮޓޯ އިން ދައްކުވައިދޭ ކަމަށާއި މިހާރު މާ ބޮޑަށް މުސްކުޅިވެއްޖެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
މި ފޮޓޯ އަކީ ފިތުރުގެ އީދުގެ ތަހުނިޔާ ސަލްމާނަށް ކިޔަން އޭނާގެ ބޮޑީގާޑް ޝޭރާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެކެވެ. މި ފޮޓޯ އަކީ ދާދި ފަހުން ސަލްމާންގެ ޕޭންވޭލް ފާމްހައުސްގައި ނަގާފައިވާ ފޮޓޯއެކެވެ.
ފޮޓޯ އަށް ކޮމެންޓް ކުރި ގިނަ ބަޔަކު ބުނެފައި ވަނީ ސަލްމާން މިހާރު ފެންނަނީ މިހާރު 84 އަހަރުވެފައިވާ ކުރީގެ އެކްޓަރު ދަރުމެންދުރާހާ މުސްކުޅިކޮށް ކަމަށެވެ. އަދި ބައެއް ބުނިގޮތުގައި ސަލްމާން މާ ރީތިކޮށް، މާ ޒުވާންކޮށް ސްކްރީނުން ފެންނަނީ ގަދަޔަށް މޭކަޕްކޮށްގެން ހުންނާތީކަން މިހާރު ކަށަވަރުވެއްޖެ އެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި ސަލްމާން މިހާރު މާ ބޮޑަށް ވެސް މުސްކުޅިވެއްޖެ އެވެ. އެހެންވެ ދެން ވެސް އުމުރަށް ވުރެ ދެގުނަ އަށް ވުރެ ހަގު ބަތަލާއިންނާ އެކު ފިލްމު ކުޅުން ހުއްޓާލައި، އުމުރާ ގުޅޭ ކަހަލަ ރޯލްތައް ކުޅެން ފަށަން ވެއްޖެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ބާރަތު" އާއި "ދަބަންގް 3" ގައި ސަލްމާނާ އެކު ބަތަލާއިންގެ ރޯލް ކުޅުނީ އޭނާ އަށް ވުރެ އެތައް އަހަރެއް ހަގު ދެ ބަަތަލާއިންނެވެ. އެއީ "ބާރަތު" ގެ 27 އަހަރުގެ ބަތަލާ ޑިޝާ ޕަޓާނީ އާއި "ދަބަންގް 3" ގެ 21 އަހަރުގެ ބަތަލާ ސާއީ މަންޖްރޭކަރެވެ. ސަލްމާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ" ގެ ވެސް ބަތަލާ އަކީ ޑިޝާ އެވެ.
އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" ގެ ބަތަލާ އަކީ 29 އަހަރުގެ ޕޫޖާ ހެގްޅޭ އެވެ.
ބޮލީވުޑްގެ ދުވަސްވީ މަޝްހޫރު ބައެއް އެކްޓަރުންނަކީ އެ މީހުންނަށް ވުރެ އުމުރުން އެތައް ގުނައެއް ހަގު ބަތަލާއިންނާ އެކު ފިލްމު ކުޅޭ ތަރިންނެވެ. އަދި މިކަމަށް އަބަދު ވެސް ވަރަށް ގިނަ ބަޔަކު ފާޑު ވެސް ކިޔައިހަދަ އެވެ.