ފްލޫ ނާޝިދުގެ ހަނދާނުގައި ދަފުތަރެއް ހުޅުވައިފި

ދަފުތަރު ހުޅުވާފައި ވަނީ ސީ ހައުސް ރެސްޓޯރަންޓާއި ޖޭޒް ކެފޭގައި އާއިލާގެ ފަރާތުން.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މި މަހުގެ 10 ވަނަ ދުވަހު އަވަހާރަވި ރީޒޯ ޑިގްރީ އެޓޯލް ބޭންޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަހުމަދު ނާޝީދު (ފްލޫ) ގެ ހަނދާނުގައި އާއިލާ އިން ދަފުތަރެއް ހުޅުވައިފި އެވެ.


ނާޝިދުގެ ހިދުމަތުގެ އަގު ވަޒަން ކުރަން ކުރުމުގެ ގޮތުން މި މަހުގެ 6 ވަނަ ދުވަހުގެ ރޭ "އަ ކޮންސަޓް ފޮ ނާޝިދު: އަ މޭން ހޫ އިންސްޕަޔަޑް އަސް" ގެ ނަމުގައި ޝޯއެއް ބޭއްވި ފަންނުގެ ދަރިންގެ ފޭސްބުކް ޕޭޖްގައި ނާޝިދުގެ އާއިލާގެ ފަރާތުން ޕޯސްޓްކޮށްފައިވާ ބަޔާނެއްގައި ބުނީ ނާޝިދަށް ހެޔޮ އެދޭ ފަރާތްތަކާއި ސަޕޯޓަރުންނަށް އެ މީހުންގެ ޝުއޫރުތައް ފާޅު ކުރަން ހުޅުވާލި ދަފުތަރު އޮންނާނީ ސީ ހައުސް ރެސްޓޯރަންޓާއި ޖޭޒް ރެސްޓޯރަންޓްގައި ކަމަށެވެ.

މި ދަފުތަރު މިހާރު ހުޅުވާލައިފައިވާ އިރު، ދުވަސްކޮޅެއް ވަންދެން ދެ ތަނުގައި ވެސް ދަފުތަރު އޮންނާނެ ކަމަށް އާއިލާ އިން ބުންޏެވެ.

ރާއްޖޭގެ މިއުޒިކަށް އިންގިލާބެއް ގެންނެވި ނާޝިދުގެ އާއިލާ އިން ބުނީ އޭނާ ވަކިވެ ދިއުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އާއިލާ އަށް މިހާތަނަށް ތައުޒިޔާ ފޮނުވައި ހިތްވަރު ދެމުން ގޮސްފައިވާ ކަމަށެވެ. އެހެންވެ އެކަން ޝުކުރުވެރިކަމާ އެކު ބަލައި ގަންނަ ކަމަށް ބުނެފައިވެ އެވެ.

ނާޝިދުގެ އާއިލާގެ ފަރާތުން އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ ނިޝް އާއި ނަޝް އަދި އިޒީ ނާޝިދުގެ ނަމުގައި އާންމު ކުރި ބަޔާނުގައި ބުނީ ނާޝިދުގެ ހިދުމަތްތަކުގެ އަގު އެކި ގޮތްގޮތަށް ވަޒަންކޮށް، ނާޝިދުގެ ހަނދާންތައް އާކޮށް އޭނާ އަށް ހެޔޮ އެދޭ ފަރާތްތަކުން ކުރަމުން އަންނަ ކަންކަން ވެސް އާއިލާ އިން އުފަލާއެކު ބަލައި ގަންނަ ކަމަށެވެ.

އަދި ނާޝިދުގެ ހަނދާންތަކުގެ ތެރެއިން ފޮޓޯ އާއި ވީޑިއޯއެއް ވިޔަސް އެއްވެސް މީހަކު އާއިލާ އާ ހިއްސާ ކުރަން ބޭނުން ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

ނާޝިދުގެ ހަނދާނުގައި އާއިލާ އިން ވަނީ ތައުޒިޔާގެ ދަފުތަރެއް ހުޅުވާލާފައި. ފޮޓޯ: އާއިލާ

ނާޝިދު، 53، އަވަހާރިވި އިރު އޭނާ ގެންދެވީ "ޖާނީ" ގެ ނަމުގައި ސޯލޯ އަލްބަމެއްގެ މަސައްކަތް ވެސް ކުރައްވަމުންނެވެ. ނާޝިދު ކުރިން ވެސް ވަނީ "ބާޑް އިން ފްލައިޓް" ގެ ނަމުގައި ވަރަށް ކާމިޔާބު ސޯލޯ އަލްބަމެއް ނެރެފަ އެވެ.

މީގެ އިތުރުން އޭނާގެ ބޮޑު ހިއްސާއެއް އޮތް ޒީރޯ ޑީގްރީގެ "ދޯނި" އަލްބަމަކީ ރާއްޖޭގެ މިއުޒިކަށް ވަރުގަދަ އިންގިލާބެއް ގެނައި އަބަދަށް ފެހި ލަވަތަކެއް ހިމެނޭ އަލްބަމެކެވެ.