10 ޖުލައި 2020 - 09:14
ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރަކީ އަބަދު ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ މީހެކެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އޭނާ އަށް ކުރާ މަލާމާތާއި ފުރައްސާރައިގެ ވާހަކަތަކަކީ ކަރަން އަމިއްލަ އަށް ވެސް ވަރަށް ގިނައިން ދައްކާ ވާހަކައެކެވެ. އެކަމަކު އޭނާ ފާހަގަކުރެވެނީ ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން، ހާއްސަކޮށް ޑައިރެކްޓަރުންގެ ތެރެއިން އެންމެ ބޮޑަށް ސޯޝަލައިޒްވެ، ގިނަ ބަޔަކާ ގުޅުން ބޮޑު މީހެއްގެ ގޮތުގަ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަރަން އަކީ ވަރަށް އެންޓަޓައިނިނިން މީހެކެވެ. ކޮވިޑް-19 ފެތުރޭތީ އިންޑިއާ ލޮކްޑައުންކޮށްފައި އޮތް އިރު ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ގިނަ ބަޔަކު އެންމެ ބޮޑަށް ފޫހިފިލުވައިދެމުން ދިޔަ އެކަކީ ވެސް އޭނާ އެވެ. އެގޮތުން ކަރަންގެ ދެ ކުދިންނާ އެކު ގޭ ތެރޭގައި ހިނގާ ކަންކަން ކަރަން ގެންދިޔައީ އިންސްޓަގްރާމް ވީޑިއޯތަކުން، އޭނާ ފޮލޯކުރާ އެތައް ބައެއްގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދެމުންނެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު އެކްޓަރު ސުޝާންތު ދަންޖެހިގެން މަރުވި ހާދިސާއާ އެކު ކަރަން މިހާރު ވަނީ "ގެއްލިފަ" އެވެ. އޭނާގެ އެއްވެސް އަޑެއްބަޑެއް ނީވެ އެވެ. ސުޝާންތު މަރުވި ދުވަހު އިންސްޓަގްރާމްގައި އެ ހިތްދަތިކަން ހާމަކުރަން ހިއްސާކުރި ޕޯސްޓަށް ފަހު ކަރަން ގެއްލުނީ އެވެ. ކުރިން ކޮންމެ ދުވަހަކު އޭނާގެ ދަރިންނާ އެކު އާންމުކުރަމުން ދިޔަ މަޖާ ވީޑިއޯތައް ވެސް ހުއްޓުނީ އެވެ.
ސުޝާންތުގެ މަރުގެ ޒިންމާ ބޮލީވުޑްގެ ބައެއް މީހުންގެ ބޮލުގައި އަޅުވާފައިވާ އިރު، ކަރަން އަކީ އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިނގިލި ދިއްކުރާ އެކަކެވެ. ސަބަބަކީ ބޮލީވުޑްގައި "ނެޕޮޓިޒަމް" ކުޅިގަނޑު އެންމެ ގަދައަށް ކުޅޭ އެކަކީ ކަރަން ކަމަށް ގިނަ ބަޔަކު އަބަދު ވެސް ތުހުމަތުކުރުމެވެ.
ސުޝާންތަކީ ބޮލީވުޑްގެ "ބީރައްޓެއްސަކަށް" ވިޔަސް އޭނާ އަކީ އަމިއްލަ ހުނަރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދައި ސްޓާރަކަށް ބަދަލުވި ފަންނާނެކެވެ. އަދި ސުޝާންތު ވަނީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި "ޑްރައިވް" އެވެ.
އާންމުކޮށް ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކާ އެކު ތަރިން ތިން ފިލްމުގެ ޑީލް ހެދި ނަމަވެސް ދަރުމާއާ އެކު ސުޝާންތު އެފަދަ އެއްބަސްވުމެއް ހަދައިފައެއް ނެތެވެ. އެކަމަކު ޒުވާން އެކްޓަރުގެ މަރާ އެކު ކަރަން އިންސްޓަގްރާމްގައި ފާޅުކުރި ޝުއޫރުތަކަށް ބަލާއިރު، އޭނާ އާއި ސުޝާންތާ ދެމެދު ވަރަށް ބޮޑު ގާތްކަމެއް އޮތްކަން ދޭހަވަ އެވެ. އެހެންވެ އަދި ބަޔަކަށް މާ ބޮޑަށް އެނގިފައި ނެތަސް ސުޝާންތަކީ ކަރަންގެ ވަރަށް ގާތް ތަރިއެކެވެ.
ނަމަވެސް އޭނާގެ މަރާ އެކު ކަރަން އަށް ކުރާ ތުހުމަތުތަކާއި ސޯޝަލް މީޑިއާގައި ގޮވާ އެއްޗެހީގެ ސަބަބުން އޭނާ ހުރީ ހިތް ހަލާކުވެ ހިމޭންވެފަ އެވެ. ކަރަންއާ ވަރަށް ގާތް މީހަކު މީޑިއާއަކަށް ކިޔައިދިން ގޮތުގައި ކަރަން ހުރީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އޭނާގެ ކުރީގެ މަޖާ މިޒާޖު ގެއްލި، ޖޯޝާއި ރޫހު ވެސް އޮތީ މިހާރު މަރުވެފަ އެވެ. އަދި ކަރަން އެންމެ ދެރަވި އެއް ކަމަކީ ސުޝާންތުގެ މަރާ ގުޅުވާފައި، އޭނާގެ ދެ ކުދިންނަށް ވެސް ބައެއް މީހުން މަރުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައި އޮތުމެވެ. ރޫހީ ޖޯހަރާއި ޔާޝް ޖޯރަކީ އަދި އެންމެ ތިން އަހަރުގެ ކުދިންނެވެ.
ކަރަން ގާތް މީހާއާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި ކުރިން ޑިޕްރެޝަނަށް ފަރުވާ ވެސް ހޯދި ކަރަން މިހާރު ހުރީ އޭނާގެ އެންމެ ގާތް މީހުންގެ އެހީ ވަރަށް ބޭނުންވާ ހާލަތެއްގަ އެވެ.
އޭނާގެ މަޖާ މިޒާޖާއި ކުރީގެ ހުރި ސޯޝަލައިޒްވުމުގެ ފޯރި ވެސް އަލުން އަންނާނީ ކަރަން އަށް އެހީވެގެން ކަމަށާއި ކޮންމެ ދުވަހަކު އޭނާ އަށް ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކާއި ކުރާ ފުރައްސާރައިގެ ސަބަބުން ކަރަން ހުރީ ކުށްވެރިއެއް ކަމަށް އަމިއްލަ އަށް ނިންމައިގެން ވެސް ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސުޝާންތު މަރުވި ފަހުން ކަރަން ސޯޝަލް މީޑިއާއާ އެހާ ބޮޑަށް ފެއަށް ޖެހުނީ އޭނާ އަށް ކުރިމަތިލާން ޖެހިވާ ކަންކަމުން ލިބެމުންދާ ހިތްދަތިކަމާ ހެދި އެވެ. އަދި އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ. އަދި މިކަންމުގެ ސަބަބުން އޭނާގެ ސިއްހަތަށް ވެސް އޭގެ ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ސުޝާންތުގެ މަރުގެ މައްސަލައާ އެކު ހޫނުވި ކަންކަމުގެ ތެރެއިން އަނެއް ކަމަކީ ކަރަންގެ މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ވެސް ހުއްޓައިލަން ނިންމުމެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދެން އެ ޝޯއެއް ނުގެނެސްދޭނެ އެވެ. ސަބަބަކީ އެ ޝޯ އަކީ "ނެޕޮޓިޒަމް" ޕްރޮމޯޓްކުރާ ޝޯއެއްގެ ގޮތުގައި ސިފަކުރުމެވެ.
ކަރަން މުޅިން ހިމޭންވެފައިވާ އިރު އޭނާ ޑައިރެކްޓްކުރަން ހަމަޖެހިފައި އޮތް ފިލްމެއް ވެސް އެބައޮތެވެ. އެއީ އެކިއެކި ކަންކަމާ ހެދި މިހާތަނަށް ޝޫޓިން ނުފެށި އޮތް "ތަޚުތު" އެވެ. އެ ފިލްމަކީ 2018 ގައި އިއުލާންކުރި ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމޮޅު
10 July 2020
ސުޝާތު މަރުވީ އަމިއްލައަށް.. ކަރަން ޖޯހަރް, ބަންސާލި, ސަލްމާން ޚާން, އާލިޔާ ރަންވީރު ފަދަ މީހުންނާ ދިމާލަށް ސޯޝަލް މީޑިޔާގައި ހަޑިހުތުރު ބަހުން އެއްޗެހި ގޮވާ ހެދިޔަސް ހަޤީޤަތެއް ބަދަލު ނުވާނެ. ސުޝާންތުގެ ފޭނުން ކަންތައް މާ ބޮޑުވެގެން އުޅޭތީ ޕޮލިހުން ވެސް އެކޭސް ބަލަނީ. ޕޮލިހުން އެމީހުން ގެނެސް ތަހުގީގު ކުރިޔަސް ވާނެ ކަމެއް ނޯންނާނެ...
ހަސަބު
10 July 2020
ކަރަން ޖޯހަރު މީހަކާ އިންކަން އެނގިފައިނުވޭ. ދެ ދަރިން ތިބީ ކިހިނެއް؟ އެޑޮޕްޓް ކުރީތަ؟ ރަހިމެއް ކުއްޔަށް ހިފީތަ؟
އިބުރާހިމު
10 July 2020
ކަރަން މީހަކާއިންކަން ހަސަބު އައް އިގެންޖެހޭތަ
ހެޔޮ ހިތުން
10 July 2020
މި އަމިއްލަ އަށް މަރުވި ސޮރުގެ ވާހަކަ ދެން ތިވަރަށް ނުލިޔެ ބަލަ . ވަރަށް ފޫހިވެ އެވެ.
ވަރަށް ފޫހި
10 July 2020
ދެން (ކަރަން) ދަންޖޭހޭ ވަރު ކޮށްލާފައި ކަރަންގެ "މަރުގެ ތުހުމަތު" އެހެން ބަޔެއްގެ ބޮލުގާ އަޅުވާފައި ގޭމު ކުރިއަށް ގެންދާށެވެ. ބަލަ އަމިއްލަ އަށް މަރުވި މީހެއްގެ މަރުގެ ތުހުމަތު އެހެން މީހުން ނަށް ރައްދު ކޮށް ތިކުޅޭ ކުޅިގަޑު ހުއްޓާލަ ބަލާށެވެ.
ޟބކހކބކ
11 July 2020
އޭނާގެމަރަކީ ސުސައިޑެއްނޫންކަމަށްހެކިދޭ ވ ގިނަކަންކަން އެބަހުރި