01 ޖުލައި 2020 - 07:41
ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ދެން ނުގެނެސްދޭނެ ކަމަށާއި އެ ޝޯ ގެނެސްދިން ސްޓާ ވޯލްޑް ވެސް އިންޑިއާގައި ހުއްޓައިލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ކޮވީ ވިތު ކަރަން" މަޝްހޫރުވެފައި ވަނީ ކަރަންއާ ގާތް ގުޅުން އޮންނަ އޭ-ލިސްޓް ތަރިންނަށް ފުރުސަތު ދީގެން ގެނެސްދޭ ޝޯއެއްގެ ގޮތުގަ އެވެ. އެގޮތުން މި ޝޯގެ ހަ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާ އިރު، ކޮންމެ ސީޒަނެއްގައި ތަކުރާރުވާ ހާއްސަ ތަރިންތަކެއް ތިބެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާނާއި ކާޖޮލް އާއި ކަރީނާ ކަޕޫރް ފަދަ ކަރަންއާ އެންމެ ގާތް ތަރިން ހިމެނެ އެވެ.
ނަމަވެސް މި މަގުބޫލު ޝޯ ދެން ނުގެނެސްދޭން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވަނީ "ކޮފީ ވިތު ކަރަން" ބޮލީވުޑްގެ ތަރިންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމާއި ކަރަން ގެންގުޅޭ "ނެޕޮޓިޒަމް" ގެ ކުޅިގަނޑު އެންމެ ރަނގަޅަށް ފެންނަ ޝޯއަށް ވުމެވެ.
އަނެއްކޮޅުން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މި މަހު ދަންޖެހިގެން މަރުވުމާ ގުޅިގެން ކަރަން އަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން އަމިއްލަ ހުނަރުން ކުރި ހޯދާ ތަރިންނަށް ހައްގުވާ ފުރުސަތުތައް ނުދޭތީ، ބައެއް ފަންނާނުން ޑިޕްރެޝަނަށް ގޮސް ގޯސް ފިޔަވަޅުތައް އަޅަން މަޖުބޫރު ވަނީ ކަރަން ފަދަ ނުފޫޒު ގަދަ މީހުން ގެންގުޅޭ އުސޫލުތަކާ ހެދި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.
"ކޮފީ ވިތު ކަރަން" އިން ހާލަކުން ފަހަރަކު، ކަރަންގެ ގްރޫޕަށް ނިސްބަތްނުވާ ތަރިއަކަށް ފުރުސަތު ލިބުނަސް، އެ ޝޯގައި އަބަދު ލީޑްކުރަނީ އޭނާއާ އެންމެ ގާތް ގުޅުން އޮންނަ ތަރިންނެވެ. އޭގެ ތެރޭގައި ފަހުން އާލިއާ ބަޓާއި ރަންބީރް ކަޕޫރާއި ވަރުން ދަވަނާއި ޕްރިޔަންކާ ޗޯޕްޅާ އާއި ޕަރިނީތީ ޗޯޕްޅާ އާއި ސައިފް އަލީ ޚާނާއި ފަރާ ޚާން ފަދަ ފަންނާނުން ހިމެނެ އެވެ.
ބަތަލާ ކަންގަނާ ރަނާވަތަކީ "ކޮފީ ވިތު ކަރަން"ގެ ފަސް ވަނަ ސީޒަނުގައި ބައިވެރިވެ، ވަރަށް ފާޅުގައި ކަރަން އަށް ފާޑުކިޔާފައިވާ ބަތަލާއެކެވެ. އެގޮތުން އޭނާ އަކީ "ނެޕޮޓިޒަމް" ހާލީގެ މައި މޭސްތިރިޔާގެ ގޮތުގައި ކަންގަނާ ވަނީ ސިފަކޮށްފަ އެވެ. މިކަމާ ގުޅިގެން ފަހުން ކަރަން އާއި ކަންގަނާއާ ދެމެދު ގުޅުން ގޯސްވެ، ބަހުގެ ހަމަލާތައް ވެސް އެކި ފޯރަމްތަކުގައި ބަދަލުކޮށްފައިވެ އެވެ.
މިފަދަ ފާޑުކިޔުންތަކާ ހެދި ޝޯގެ އެންމެ ފަހުގެ ސީޒަނުގައި ބޮލީވުޑްގެ ބައެއް ޒުވާން ފަންނާނުންނަށް ވެސް ފުރުސަތު ދީފައިވެ އެވެ. އޭގެ ތެރޭގައި ކްރިތީ ސެނަން އާއި އަޔޫޝްމަން ކްރާނާ އާއި ރާޖްކުމާރު ރާއޯ ފަދަ ބޮލީވުޑްގެ "ބީރައްޓެހިން" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ބޮލީވުޑްގެ އޭ-ލިސްޓް ތަރިންނާ އެކު މާ "ކްލަސީ" ޝޯއެއްގެ ގޮތުގައި ސިފަވާ ގޮތަށް ގެނެސްދޭ "ކޮފީ ވިތު ކަރަން" ގެނެސްދޭ ޗެނެލް ސްޓާ ވޯލްޑް ހުއްޓައިލަން ނިންމުން، ޝޯ އެހެން ޗެނެލަކަށް ގެންދިއުމާ ދޭތެރޭ ވެސް މަޝްވަރާކޮށްފައިވެ އެވެ.
ނަމަވެސް ބޮލީވުޑް މިހާރު އޮތް ހާލަތަށް ބަލާ އިރު "ކޮފީ ވިތު ކަރަން" އަކީ ގެނެސްދިނުމަށް ވުރެ ނުދިނުން ބުއްދުވެރި ޝޯއަކަށްވާތީ، އެ ޝޯ ދެން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް މީޑިއާތަކުން ބުނެ އެވެ. އަދި ބައެއް ފަހަރު މި ޝޯގައި ތަރިން އެކަކު އަނެކަކާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން ވެސް މައްސަލަ އުފެދި، މޫނުކެނޑޭ ގޮތް ދިމާވެފައި އެބަހުއްޓެވެ.
ޝޯ ދެން ނުގެނެސްދޭނެ ވާހަކަ ފެންމަތިވެފައި މި ވަނީ ހަތް ވަނަ ސީޒަން ގެނެސްދޭން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށެވެ.
ދެހާސް ހަތަރެއްގައި ގެނެސްދޭން ފެށި "ކޮފީ ވިތު ކަރަން" ގެ ހަ ސީޒަނުގައި 135 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
މިދިޔަ އަހަރު ނެޓްފްލިކްސް އިން ވަނީ ކަރަންއާ އެކު "ވަޓް ދަ ލަވް؟ ވިތު ކަރަން ޖޯހަރް" ގެ ނަމުގައި ޑޭޓިން ޝޯއެއް ގެނެސްދޭން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެކަމަކު ފަހުން އޭގެ އެއްވެސް ޚަބަރެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
01 July 2020
ހުއްޓާލާ ހުއްޓާލާ. ތީ ފިތުނަ ފަތުރާ އެއްޗެއް
ކަލޭގެ އިދިކޮޅު އަގަ
01 July 2020
އާނ ތިއީ ރަނގަޅު ވާހަކައެއް. ފަރަންޖީ ބަހުން ނަމަ "ނެޕޮޓިޒަމް". ކަރަންޓް ކިތަންމެ ވަރަކަށް މަސައްކަތް ކުރަން ބޭނުންވިޔަސް ދެން ނުވާނެ. ސަބަބަކީ ސުޝާންތު ސިންގް ރާޖްޕުތްގެ މަރުގެ އިންޒާމު އޭނާގެ ބޮލުގައި އާއި އަދި އެހެން ބޮލީވުޑް އެކްޓަރުންގެ ބޮލުގައި އެޅިފައިވާތީ. ބަލައިގެން ހުންނާތީ މީހުން އޭނާއަށް ކިޔަނީ "ކިންގް އޮފް ނެޕޮޓިޒަމް".
ސުޒަން
01 July 2020
ކޮފީބޯން ނުގެންދިޔާމަ އެކަމާ ޑިޕްރެސްވެގެން މަރުވާވަރުގެ ކަމެއްތަ އެއީ!؟
ކަސަބު
01 July 2020
ކަރަން އަކީ ޑައިރެކްޓް/ޕްރޮޑިއުސް ފަރުދާގެ ފުރަގަހުގައި ހުރެ ކުރަން މޮޅުމީހެކެވެ. އެއްވެސް ޝޯއެއް ގެނަސްދީ ސްކްރީނުން ފެންނަން އަހަންނަށް ކަމުދާ މީހެއް ނޫނެވެ. އޭނަގެ ކިބައިގައި ފާޑެއްގެ ގޮތެއް ހުރެެެވެ.