ވިކީ.
23 ޖުލައި 2020 - 08:41
އަރަމުން އަންނަ ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެ ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. އަދި ފިލްމު ލިޔެ ޑައިރެކްޓްކުރާނީ "ދޫމް 3" ގެނެސްދިން ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ބޮޑު ބަޖެޓަކުން 2018 ގައި އާމިރު ޚާނާއި އަމީތާބް ބައްޗަނާ އެކު ގެނެސްދިން އެޑްވެންޗަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އެވެ. އެކަމަކު އެއީ ބޮޑު ފްލޮޕެކެވެ.
ވައިއާރްއެފްގެ ފިލްމަކަށް ވިކީ ސޮއިކުރި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު މިއީ ހަގީގަތަކަށްވެއްޖެ ނަމަ މިއީ ހުނަރުވެރި އެކްޓަރު އެ ސްޓޫޑިއޯގެ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
ވިކްޓާ އަދި ވިކީ.
ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޖިތު ސިރްކާގެ "ސަރުދާރު އުދަމް ސިންގް" އާއި ކަރަން ޖޯހަރްގެ "ތަޚުތު" އާއި ޒޯޔާ އަޚްތަރުގެ "ފީލްޑް މާޝަލް" އާއި އަދިތިޔާ ދާރްގެ "އަޝްވަތައްމާ" ހިމެނެ އެވެ.
މިދިޔަ އަހަރުގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ލިބުނު ވިކީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy