އައްޒަގެ ޑިމާންޑް ކުއްލިއަކަށް ބޮޑުވެ ބިޒީވެއްޖެ

އައްޒަގެ އަތުގައި ތިން ފިލްމަކާއި ޑްރާމާއެއް އެބަ އޮތް. ހޯސްޓް ކުރާ ސެލެބްރިޓީ ޓޯކް ޝޯއެއް ވެސް ކުރިއަށް އެބަ އޮތް. އޭނައަކީ ޕިރަމިޑްގެ ބްރޭންޑް އެމްބެސެޑަރު ވެސް މެ.

ފިލްމީ އާއިލާ "ޔާރާ" އިން އުފަންވެގެން އައި ބަތަލާ އައްޒައަކީ ފިލްމީ ދާއިރާ އަށް ނިކުތްތާ ކުރީކޮޅު ފިލްމް ކުޅެން މާ ބޮޑު ޝައުގުވެރި ކަމެއް ދިން ބަތަލާއެއް ނޫނެވެ. ސިނަމާގައި މިހާރު އޮތް 4426 (ފޯފޯޓޫސިކްސް) ގެ ކުރިން އައްޒަގެ ބޮޑު ރޯލެއް ބެލުންތެރިންނަށް ބޮޑު ސްކްރީނުން ބަލާލަން ނުލިބި އޮތީ ވެސް އެ ސަބަބާ ހެދި އެވެ.


އެކަމަކު މިހާރު އައްޒަގެ ބޮޑު މަންޒަރު ވެސް، ވިސްނުން ވެސް ބަދަލުވެއްޖެ އެވެ. "4426" އަކީ ފިލްމް ކުޅެން އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އޭނާ ކުޅުނު ރޯލް ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގެންފި އެވެ. އައްޒަގެ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

"4426" އަކީ އައްޒަގެ ކެރިއަރު އެހެން ގޮތަކަށް ފުރޮޅިގެން ދާން ލިބުބު ފުރުސަތެއް ކަމަށް ބަލަމާ ހިނގާށެވެ. އޭނާ މިހާރު ވަރަށް ބިޒީ ވެސް ވެއްޖެ އެވެ. އެއީ ޑިމާންޑް އޮތް، އުންމީދީ ބަތަލާއެކޭ ބުނާ ބުނުމަކީ ގައިމު ވެސް މިހާރު ހަގީގަތަކާ ހިލާފު ވާހަކައަށް ނުވާނެ އެވެ.

އައްޒަ: ފިލްމީ ދާއިރާގެ ކުރިމަގު އޮތް ބަތަލާއެއް.

ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ބިޒީ ބަތަލާއަކީ އައްޒައޭ ބުނެފި ނަމަ ގަބޫލުކުރާނީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. އޭނާ އެއްބަސްވެފައި އޮތް ތިން ފިލްމެއް މިހާރު ވެސް އެބަ އޮތެވެ.

އޭގެ ތެރެއިން އެއް ފިލްމަކީ ޑާކް ރެއިނުން އަންނަ އަހަރުގެ އެޕްރީލް 5 ގައި ރިލީޒްކުރާ ރޮމޭންޓިކް ކޮމެޑީ "މިއީ ލޯތްބަކީ" އެވެ. މި ފިލްމުގެ ޝޫޓިން މި މަހުގެ 30 ގައި އައްޒަ ފަށާނެ އެވެ.

"ފޯފޯޓޫސިކްސްގައި ކުޅެފައިވާ ރޯލާ މުޅިން އޮޕޮޒިޓް ވަރަށް ފަން ލަވިން، ސަކަރާތް ޖަހާ މަޖާ ރޯލެއް މިއީ ލޯތްބަކީގައި ކުޅެން ލިބުނީ،" ޖުމައްޔިލް ނިމާލް (ޖުމަލް) އާ އެކު ކުޅޭ ދެވަނަ ފިލްމާ ބެހޭ ގޮތުން އައްޒަ ބުންޏެވެ. "ޑާކް ރެއިންގެ ފިލްމްތައް ކަމުދާ މީހުންނަށް މި ފިލްމް ވެސް ވަރަށް ކަމުދާނެ. އެއީ ޔަގީން ކަމެއް."

އައްޒަ ދެން ސޮއިކޮށްފައި އޮތް ފިލްމަކީ ފާތުމަތު ނަހުލާ ޕްރޮޑިއުސް ކުރާ އަސަރު ގަދަ ލޯބީގެ ފިލްމް "ބީ" އެވެ. މި ފިލްމުގައި ވެސް އައްޒަގެ ބަތަލައަކީ ޖުމަލް އެވެ.

އައްޒަ އާއި ޖުމަލް ލިޑް ރޯލް ކުޅޭ "ބީ" ގެ ޕޯސްޓަރެއް.

"އޭގެ ޝޫޓިން އަންނަ ޖެނުއަރީ ނޫނީ ފެބްރުއަރީ ހިސާބުގައި ފަށަން ޕްލޭންކޮށްފައި އޮތީ. މި ވެސް އަނެއްކާ އައްޒަފެ ވަރަށް ތަފާތު ރޯލެއް ފެންނާނެ ފިލްމެއްކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އައްޒަ ބުނި ގޮތުގައި މިހާރު އޭނާ ހުރީ ފިލްމީ ދާއިރާ އިން ދެވެން އޮތް އެންމެ މައްޗަކަށް ދާށެވެ. އެގޮތުން ކުޅެން ލިބޭ ރޯލްތަކާ ދޭތެރޭ ހިތްހަމަޖެހޭ ނަމަ ފިލްމާއި ޑްރާމާ އަށް ވެސް އެއްބަސްވާނެ ކަމަށް ބުންޏެވެ.

"ފައްތާހް ޑައިރެކްޓް ކުރާ ފިލްމެއްގެ ވާހަކަ ވެސް ދެކެވިފައި އޮތީ. އެކަމަކު އޭގެ މާ ބޮޑު ޑީޓެއިލްއަކާ ހަމައަށް އަދި ދެވޭކަށް ނެތް،" ބަތަލާ އައިޝަތު ރިޝްމީގެ ކޮއްކޮ ބުންޏެވެ. "އޭގެ އިތުރަށް ޔާރާ އިން މަންމަ [ބަތަލާ އައިންތު] ހަދާ މަންމަ ކިޔާ ޑްރާމާއެއްގެ މަސައްކަތް ވެސް އެބަ އޮތް ޕްލޭން ކުރެވިފައި. އޭތި ވަރަށް އަވަހަށް ލޯންޗް ކުރާނެހެން ހީވަނީ."

"ބޭނުން ވަނީ މި ދާއިރާ އިން ކުރިއަށް ދެވެން އޮތް އެންމެ މައްޗަކަށް ދާން. މިސާލަކަށް އެވޯޑެއްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެއް،" އުމުރަށް ސަލާން އާއި ވަކިވުމުގެ ކުރިން ފަދަ ޑްރާމާތައް ވެސް ކުޅެފައިވާ އައްޒަ ބުންޏެވެ. "އެ ޓާގެޓާ ހަމައަށް ދާން މަސައްކަތް ކުރާނަން. މަސައްކަތްކޮށްފި ނަމަ ކާމިޔާބު ވާނެ."

އައްޒަ: މިހާރު ވަރަށް ބިޒީ ބަތަލާއެއް.

އައްޒަ މި ވަގުތު ކުރަނީ ހަމައެކަނި ފިލްމީ މަސައްކަތެއް ވެސް ނޫނެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ޕިރަމިޑްގެ ބްރޭންޑް އެމްބެސެޑަރަކީ ވެސް އޭނާ އެވެ.

"އެ މަސައްކަތުގައި ވެސް ވަރަށް ބިޒީކޮށް އުޅެން ޖެހެނީ. ޕްރޮމޯޝަނަލް އިވެންޓްތަކުގައި ބައިވެރިވުމާއި ޕްރޮމޯޝަނަލް މެޓީރިއަލްތަކުގައި މަސައްކަތްކުރުން ކަހަލަ ކަންކަން ކުރިއަށް ރޭވިފައި އެބަހުރި،" ހަ މަހަށް ޕިރަމިޑާ އެކު ހަދާފައިވާ އެއްބަސްވުމާ ބެހޭ ގޮތުން އައްޒަ ބުންޏެވެ.

އައްޒަ ހޯސްޓްކުރާ ސެލެބްރިޓީ ޓޯކް ޝޯއެއްގެ މަސައްކަތް ވެސް ކުރިއަށް އެބަ އޮތެވެ. އެއީ އައިސް ޓީވީން ގެނެސްދޭ "އަޒޯނާ" އެވެ.

"އެ ޝޯ އަންނަ މަހު ނޫނީ ޑިސެމްބަރުގައި ދައްކާ ގޮތަށް ހަމަޖެހިފައި އޮތީ،" އޭނާ ބުންޏެވެ.

އައްޒަ އާއި ކުރީގެ ފިރިމީހާ ޖުމާ ކުޅެފައިވާ ލަވަ "ހީލީމާ"

އައްޒަކީ އުންމީދީ ބަތަލާއެކެވެ. ފިލްމީ ދާއިރާގެ ކުރިމަގު އޮތް ބަތަލާއެކެވެ. ބެލުންތެރިން މިހާރު ބަލައިގެންފައިވާ ބަތަލާއެކެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުން އެކަން އިތުރަށް ސާބިތުކޮށް ދޭނެ އެވެ.

މިހާރު ވެސް ޔަގީންވާ ކަމަކީ އައްޒަގެ ދެ ފިލްމެއް އަންނަ އަހަރު ސްކްރީނަށް އަންނާނެ ކަމެވެ. އައްޒަގެ ފޭނުން ތިބޭނީ އިންތިޒާރުގަ އެވެ.