ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން ކުރިން އަންނަ މަހުގެ ތެރޭގައި ދައްކަން ފަށަން ނިންމި ނަމަވެސް މިހާރު އޮކްޓޫބަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކަލާޒްގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އޮކްޓޫބަރަށް ޝޯ ފަސްކުރަން ޖެހުނީ އިންޑިއާ އަށް މި ދުވަސްކޮޅު ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ޝޯގެ ތައްޔާރާރީތަކަށް ބުރޫ އެރުމުން ކަމަށެވެ.
އެގޮތުން ބައިވެރިން ތިބޭ ގޭގެ ތައްޔާރީތައް ލަސްވުމާއި އެ ނޫން ވެސް ލޮޖިސްޓިކް ގިނަ ދަތިތަކެއް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވެފައިވާތީ ޝޯ އޮކްޓޯބަރަށް ފަސްކުރީ ކަމަށް ބުންޏެވެ.
މީގެ އިތުރުން ޝޯ ފެށުމުގެ ކުރިން އޭގެ ބައިވެރިން ކަރަންޓީނު މުއްދަތެއް ވެސް މުމްބާއީގެ އެކިއެކި ހޮޓާތަކުގައި ފުރިހަމަކުރަން ޖެހޭ އިރު، މިކަމަށް އޮތް ދައްޗަކީ ޝޯގައި ބައިވެރިވާ ސެލެބްރިޓީންގެ ވަގުތު އެންމެ ބޭނުންވާ ގޮތަށް ނުލިބުމެވެ.
ރިޕޯޓްތައް ބުނާގޮތުން މިހާރު "ބިގް ބޮސް 14" ފަށާނެ ކަމަށް ބެލެވެނީ އޮކްޓޯބަރު މަހުގެ 4 ގަ އެވެ. ޝޯގެ ބައިވެރިންނަކީ ކޮބައިކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް ޝޯގެ ދެ ޕްރޮމޯއެއް ދާދި ފަހުން ވަނީ ސަލްމާނާ އެކު ދައްކާލައިފަ އެވެ.
"ބިގް ބޮސް" އަކީ އިންޑިއާގެ ޗެނެލަކުން ގެނެސްދޭ އެންމެ ކާމިޔާބު ރިލިއަޓީ ޝޯ އެވެ. މި ޝޯގެ 13 ޗަނަ ސީޒަން ޓީވީ އެކްޓަރު ސިދާތު ޝުކްލާ ކާމިޔާބުކޮށްގެން ނިންމައިލީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.