އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ އެކު ބޮލީވުޑްގެ އަނދިރި ފަރާތުގެ ވާހަކަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ހުރިހާ ދިމާއަކުން ވެސް މިހާރު އިވެނީ އެ އިންޑަސްޓްރީ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކާއި އެކަމުގެ ސަބަބުން ކުރިމަތިވާ ހިތާމަވެރި ހާދިސާތަކުގަ ވާހަކަ އެވެ. ވަކިން ހާއްސަކޮށް ނުފޫޒާއި ބާރާއި ފައިސާގެ ގޮތުން ތަނަވަސް މީހުން އެ އިންޑަސްޓްރީ މުށުތެރެއަށް ލާން ކުރާ މަސައްކަތުގެ ވާހަކަ އެވެ.
މިފަދަ މައްސަލަތަކަށް ބިނާކޮށް މި ވަނީ އަނެއްކާ ވެސް ފިލްމެއް ހަދަން ނިންމައިފަ އެވެ. "ޝަޝަންކް" ނަން ދީފައިވާ ފިލްމުގައި ބޮލީވުޑްގެ އަނދިރި ފަރާތާއި އެ އިންޑަސްޓްރީ ތެރެއިން ކުރިމަތިވާ ކަންތައްތަކާ ހެދި ޒުވާން ތަރިއެއްގެ މަރާއި ނެޕޮޓިޒަމް ފަދަ މައްސަލަތަކަށް އަލިއަޅުވާނެ އެވެ.
ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު އޭގެ ބަތަލުންގެ ތެރޭގައި ހިމެނެނީ އަރިއާ ބައްބަރާއި ރަޖީވް ސިންގެވެ. އަރިއާ އަކީ ކުރީގެ އެކްޓަރު ރާޖް ބައްބަރުގެ ދަރިއެކެވެ.
ވަރަށް އަވަހަށް މުމްބާއީ އާއި ލަކްނޫ އަދި ޕަޓްނާގައި މަންޒަރުތައް ނަގަން ފަށާ "ޝަޝަންކް" ގެ ޑައިރެކްޓަރަކީ ސަނޯޖް މިޝްރާ އެވެ. މީގެ ޕްރޮޑިއުސަރަކީ މަރޫތު ސިންގެވެ.
ސުޝާންތުގެ މަރާ އެކު، އެކަމަށް ބިނާކޮށް "މާޑާ އޯ ސުއިސައިޑް" އަދި "ސުޝާންތު" ގެ ނަމުގައި ވެސް ފިލްމުތަކެއް ހަދަން ނިންމައި، ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. މި ފިލްމުތަކުން ވެސް ބޮލީވުޑްގައި ކަންތައް ހިންގާ ގޮތްތައް ފެނިގެންދާނެ އެވެ.