"ބޮލީވުޑް" މި ލަފްޒު އޭނާއަށް ކަމުނުދާ ކަމަށާއި އެ ލަފްޒަކީ ހޮލީވުޑްގެ ނަމުން ނަކަލުކޮށްގެން އުފައްދާފައިވާ ނަމަކަށް ވާތީ، އޭނާ ބޭނުންވަނީ މުޅި އިންޑިއާގެ ސިނަމާ ތަމްސީލުކުރާ ފަންނާނެއްގެ ގޮތުގައި ފާހަގަވާން ކަމަށް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ބުނެފި އެވެ.

އިނގިރޭސިވިލާތުގެ މީޑިއާއަކާ ވާހަކަދައްކަމުން ރަންބީރު ބުނީ އޭނާއަކީ ހަމައެކަނި "ބޮލީވުޑް ތަރިއެއް"ގެ ގޮތުގައި ލޭބަލްކުރުމުގެ ބަދަލުގައި، މުޅި އިންޑިއާގެ ސިނަމާ ތަމްސީލުކުރާ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވާން އެދޭ ކަމަށެވެ.

ހުޅަނގުގެ މީޑިއާތަކުން ހިންދީ ސިނަމާއަށް "ބޮލީވުޑް" ކިޔާތީ އޭނާ ހިތްހަމަނުޖެހޭކަން ވެސް ރަންބީރު ވަނީ އެ އިންޓަވިއުގައި ހާމަކޮށްފަ އެވެ. 

އިންޑިއާއަކީ އެކި ސަގާފަތްތަކާއި އެކި ބަސްބަހުން ވާހަކަދައްކާ، ތަފާތު ސްޓޭޓްތައް އެކުލެވޭ ގައުމެއް ކަމުގައި ވިޔަސް، ހުރިހާ ފަންނާނުން ވެސް މަސައްކަތްކުރަނީ ފަންނުވެރިކަން (އާޓް) އުފެއްދުމަށް ކަމަށް ރަންބީރު ބުންޏެވެ.

ފަންނުވެރިކަމަކީ ވަކި ބޯޑަރެއް ނުވަތަ އިމެއް އޮންނަ އެއްޗެއް ނޫން ކަމަށާއި އެއީ މީހުން އެއްބައިވަންތަކޮށްދޭ އެއްޗެއް ކަމަށް ރަންބީރު ބުންޏެވެ.

މީގެ އިތުރުން، އަމިއްލަ ސަގާފަތާއި އަމިއްލަވަންތަ ކަމަށް އިހުތިރާމްކޮށް، ތެދުވެރިކަމާ އެކު އުފައްދާ މޮޅު އުފެއްދުންތަކަކީ އަބަދު ވެސް މުޅި ދުނިޔެ ބަލައިގަންނާނެ އެއްޗެއް ކަމަށް ރަންބީރު ބުންޏެވެ.

މިސާލެއްގެ ގޮތުން ކޮރެއާގެ ފިލްމުތަކާއި "ކްރައުޗިން ޓައިގާ، ހިޑެން ޑްރެގަން" އަދި "ލައިފް އިޒް ބިއުޓިފުލް" ކަހަލަ ފިލްމުތައް އޭނާ ފާހަގަކުރި އެވެ. އަދި އިންޓަނޭޝަނަލް އޯޑިއެންސް ރުއްސަން އަމިއްލަ ސަގާފަތް ދޫކޮށް ނުލަން އޭނާ ވަނީ އެދިފަ އެވެ. 

ރަންބީރު މި ވާހަކަތައް ދައްކާފައި ވަނީ އޭނާ ލީޑް ރޯލު ކުޅޭ، އިންޑިއާގައި މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ފިލްމު "ރާމާޔަނާ: ޕާޓް 1" ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެއީ ހިންދޫންގެ މިތޮލޮޖީއަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. 

ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ މި ފިލްމަކީ އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އައިމެކްސް ސްކްރީންތަކުގައި ހިންދީ، ތަމަޅަ، ތެލުގޫ، ކަންނަޑާ އަދި މަލަޔާޅަމް ބަހުން އަޅުވަން ހަމަޖެހިފައިވާ ފިލްމެކެވެ.

އިންޑިއާ އިން ބޭރުގައި މި ފިލްމު އެޅުވުމުގެ ޑިސްޓްރިބިއުޝަން ރައިޓްސް ދީފައި ވަނީ ސޮނީ ޕިކްޗާސްއަށެވެ.