މިދިޔަ އަހަރު ރިލީޒްކުރި "ސައްޔާރާ" އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، ޑައިރެކްޓަރު މޯހިތު ސޫރީގެ ދެން އެންމެ އަވަހަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމުގެ މަސައްކަތްތައް ފަށައިފި އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، މޯހިތުގެ ކުރިއަށް އޮތް ފިލްމު ވެސް އުފައްދަނީ މަޝްހޫރު ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް)އާ ގުޅިގެންނެވެ.
އެ ފިލްމުގެ ލީޑު ކުޅެނީ ރަންބީރު ކަޕޫރު ކަމަށް ބެލެވޭއިރު، މިހާރު ކުރިއަށް ދަނީ އޭނާއާ އެކު ލީޑު ރޯލު ކުޅޭނެ އަންހެން ތަރިއަކު ހޯދުމުގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުންޏެވެ.
ރަންބީރާ އެކު ހަދާ ފިލްމާ ގުޅޭ ގޮތުން މޯހިތު ބުނީ މިހާރު ކުރިއަށް ދަނީ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކަމަށާއި ފިލްމުގެ ކާސްޓް އަދި ފައިނަލް ނުކުރަނާ ކަމަށެވެ.
މޯހިތަކީ މީގެ ކުރިން "ކަލްޔުގް"، "ޒެހެރް"، "އާޝިގީ 2" އަދި "މާޑަރ 2" ކަހަލަ އަސަރުގަދަ ލޯބީގެ ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރެކެވެ. އެހެންވެ، ރަންބީރާ އެކު އޭނާ އުފައްދާ މި ފިލްމަކީ ވެސް އެ ކަހަލަ އަސަރުގަދަ ލޯބީގެ ފިލްމަކަށް ވުން ވަރަށް ގާތެވެ.
އާހާން ޕާންޑޭ އާއި އަނީތު ޕައްޑާ އަލަށް ބޮލީވުޑަށް ތައާރަފުވި "ސައްޔާރާ"އަކީ އިންޑިއާގެ ތާރީހުގައި ވެސް އުފެއްދި އެންމެ ކާމިޔާބު ލޯބީގެ ފިލްމެވެ.
ރަންބީރު މިވަގުތު މަސައްކަތްކުރަމުން އަންނަނީ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ނިތޭޝް ތިވާރީގެ ބޮޑު ބަޖެޓް ފިލްމު "ރަމާޔާނާ"ގަ އެވެ. އަދި "ދޫމް 4" އިން ވެސް ރަންބީރު ފެންނާނެ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، އެކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.