ފިލްމީ ދާއިރާއަކީ މީހުން އަމިއްލަ ނަފުސާ މެދު ޝައްކު އުފައްދައި، ހިތް ނުތަނަވަސްކަމާއި ބިރުވެރިކަން އިހުސާސްކުރުވާ ދާއިރާއެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ކޮރިއޯގްރާފަރު ފަރާ ޚާން ބުނެފި އެވެ.

ނޭހާ ދޫޕިއާ އަދި އަންގަދު ބޭދީގެ ޕޮޑްކާސްޓުގައި ފަރާ ބުނީ އޭނާގެ ފުރަތަމަ ފިލްމު "މޭ ހޫ ނާ" ހެދުމުގެ ކުރިން ވެސް އެފަދަ އިހުސާސްތަކެއް ކުރެވުނު ކަމަށެވެ. 

ފަރާ ބުނި ގޮތުގައި، ފިލްމީ ދާއިރާގައި މަސައްކަތްކުރާއިރު އަބަދުވެސް އުޅެންޖެހެނީ އެހެން މީހުންނާ އަމިއްލަ ނަފްސު އަޅާކިޔުމުގަ އެވެ.

ވަކި އެކްޓަރަކު ނުވަތަ ޑައިރެކްޓަރަކު އާ ފިލްމެއްގެ މަސައްކަތް ފަށައިފިކަން އެނގުމުން، ތިމާއަށް އެއްވެސް މަސައްކަތެއް ނުލިބި ހުއްޓިދާނެ ކަމުގެ ބިރުވެރިކަން ހިތަށް ވަދެ، ނަފްސާނީ ގޮތުން ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ފަރާ ބުންޏެވެ.

މީގެ އިތުރުން ފަރާ ބުނީ، އޭނާގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "މޭ ހޫ ނާ" އުފެއްދުމުގެ ކުރިން ވެސް މިފަދަ ހާސްކަމާއި ނުތަނަވަސްކަން ތަހައްމަލު ކުރަން ޖެހުނު ކަމަށެވެ.

އެ ދުވަސްވަރު މަސައްކަތެއް ނެތި ހުންނަން ޖެހިދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށާއި، ނަމަވެސް އުމުރުން 50 އަހަރު ފުރުމުން އެފަދަ ވާދަވެރި ވިސްނުންތަކުން ދުރުވެ، ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމަށް އަމިއްލަ ނަފްސަށް ވައުދުވީ ކަމަށް ފަރާ ބުންޏެވެ.

މަސައްކަތެއް ނެތި ހުސްކޮށް ހުންނަން ޖެހޭ ވަގުތުތަކުގައި ކުރިމަތިވާ ނުތަނަވަސްކަމުން ސަލާމަތްވުމަށް ފަރާ މިހާރު ވަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ފަށައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.

އޭނާގެ ކައްކާ، ދިލީޕާ އެކު ތައްޔާރުކުރާ މަޖާ އަދި އާއިލީ ވީޑިއޯތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރަމުން ފަރާ ބުނީ، މިއީ އެއްވެސް ރޭވުމަކާ ނުލައި ފެށި ނަމަވެސް އޭނާގެ ދިރިއުޅުމަށް އައި ވަރަށް ބޮޑު ހެޔޮ ބަދަލެއް ކަމަށެވެ.