ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތުގެ ފިޓްނެސް އާއި ރީތިކަން ފެނި، އޭނާގެ ފިލްމެއްގައި ރޯލެއް ކުޅެން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ކޮރިއޯގްރާފަރު ފަރާ ހާން އެދިއްޖެ އެވެ.
އެ ވާހަކަ ދެކެވުނީ ފަރާގެ ޔޫޓިއުބް ޗެނަލުން ގެނެސްދޭ ކައްކާ ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގަ އެވެ. އެ އެޕިސޯޑުގައި މީރާ ފެނުނީ ވަރަށް އާދައިގެ ނަމަވެސް ސްޓައިލިޝް ހެދުމެއްގަ އެވެ. މީރާ ފެނުމާ އެކު ފަރާ ހައިރާންވެ، އޭނާގެ ރީތި ކަމަށް ވަރަށް ތައުރީފު ކުރި އެވެ.
"މީރާ، ފިލްމީ ތަރިއަކަށް ވެވިދާނެ. މަގޭ ފިލްމެއްގައި ރޯލެއް ކުޅެބަލަ،" މިރާ ފެނުމާ އެކު ފަރާ އޭނާގެ މަޖާ ރާގުގައި ބުންޏެވެ.
ފަރާގެ އެ ހުށަހެޅުމާ އެކު، މީރާ ލަދުރަކިވި ނަމަވެސް، އޭނާ ވަނީ ވަރަށް ރީތިކޮށް އެ ހުށަހެޅުމަށް އިންކާރުކޮށްފަ އެވެ. މީރާ އެކަން ދެކުނީ ވެސް ފަރާ މަޖަލަކަށް ބުނި އެއްޗެއްގެ ގޮތުގަ އެވެ.
ފަރާގެ ކައްކާ ޝޯގެ އެ އެޕިސޯޑުގައި މީރާގެ އިތުރުން ރިޝީ ކަޕޫރާއި ނީތޫ ކަޕޫރުގެ ދަރިފުޅު ރިދިމާ ކަޕޫރު ސަހަނީ އާއި އޭނާގެ ދަރިފުޅު ސަމާރާ ސަހަނީ ވެސް ބައިވެރިވި އެވެ.
ޝާހިދުގެ އަންހެނުން މީރާއަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަދި ލައިފްސްޓައިލް އިންފްލުއެންސަރެކެވެ.
އަމިއްލަ ސްކިން ކެއާ ބްރޭންޑެއްގެ ވިޔަފާރިކުރާއިރު، ވެލްނެސް ސެންޓަރެއް ވެސް އޭނާ ހިންގަ އެވެ. ތަފާތު ވިޔަފާރިތަކަށް އޭނާ އިންވެސްޓްކުރާއިރު އޭގެ ތެރޭގައި ޔޯގާ އާއި ނިއުޓްރިޝަން ބްރޭންޑްތައް ހިމެނެ އެވެ. އަދި ޔޫޓިއުބާއި އިންސްޓަގްރާމް މެދުވެރިކޮށް ދިރިއުޅުމުގެ ވައްޓަފާޅި އާއި ދުޅަހެޔޮކަމާ ގުޅޭ ތަފާތު މައުލޫމާތު އޭނާ އާންމުންނާ ހިއްސާކުރެ އެވެ.
މީރާއަކީ ޝާހިދުގެ އަންހެނުންނަށް ވީތީ، އޭނާ ފިލްމީ ދާއިރާއަށް ފެނިދާނެތޯ ވަރަށް ގިނައިން ސުވާލު އަމާޒުވެ އެވެ. ނަމަވެސް މީރާ އަބަދުވެސް ބުނަމުން އަންނަނީ އޭނާ ބޭނުންވަނީ ދަރިން ބޮޑުވަންދެން ގޭގައި ވަގުތު ހޭދަކުރަން ކަމަށެވެ. އަދި އިސްކަންދެނީ އަމިއްލަ ވިޔަފާރި ކުރިއެރުވުމަށެވެ.