ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް ކިޔާފައިވާ ލަވަ "އަންބިލީވަބަލް" ވީޑިއޯއާ އެކު ދައްކާލައިފި އެވެ.

މިއީ ލަވަކިޔަން ވަރަށް ލޯބިކުރާ ޓައިގާގެ އަޑުން ރެކޯޑްކުރި ފުރަތަމަ ލަވަ އެވެ. ބޮލީވުޑްގައި މިހާރު ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ލޭބަލްކުރެވިފައިވާ 30 އަހަރުގެ އެކްޓަރުގެ ލަވައެއް ރެކޯޑްކޮށް، އޭގެ ވީޑިއޯއާ އެކު ދޫކޮށްލުމުގެ ކުރިން ޓައިގާ ވަނީ ލޮކްޑައުންގެ ތެރޭގައި ލަވަ ކިޔުމުގެ ހުނަރު ތަރައްގީކުރަން މަސައްކަތްކުރި ކަމަށް ބުނެފަ އެވެ.

"އަންބިލީވަބަލް" ގެ މިއުޒިކާއި ޅެން ހެދީ ޑެނިއަލް ގަލްވިން އާއި ކެވިން ޕެބޯންގެ އިތުރުން އަވިތޭޝް ސްރިވަސްތާވް އެވެ. އަވިތޭޝް، 19، އަކީ 2015 ގައި މަރުވި މިއުޒިކް ޑައިރެކްޓަރު އާދޭޝް ޝްރިވަސްތާވްގެ ދަރިއެކެވެ. އަވިތޭޝްގެ މަންމަ އަކީ ކުރީގެ ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ 1981 ގެ "ލަވް ސްޓޯރީ" ގެ ބަތަލާ ވިޖޭތާ ޕަންޑިތެވެ.

ޓައިގާގެ ލަވައިގެ ވީޑިއޯ ޑައިރެކްޓްކުރީ މިދިޔަ އަހަރު ރިލީޒްކުރި އޭނާގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ.

މާޗް މަހު ރިލީޒްކުރި "ބާގީ 3" އަށް ފަހު، ޓައިގާ މިހާރު އަންނަނީ ފިލްމު "ހީރޯޕަންތީ 2" ގެ ޝޫޓިން އަށް ތައްޔާރުވަމުންނެވެ. މި ފިލްމަކީ އޭނާ 2014 ގައި ބޮލީވުޑަށް ތައާރަފުވި "ހީރޯޕަންތީ" ގެ ސީކްއެލް އެވެ. މި ފަހަރު ފިލްމު ޑައިރެކްޓްކުރަނީ "ބާގީ 3" ޑައިރެކްޓްކުރި އެހުމަދު ޚާނެވެ.