އަންނަ މަހު "ހީރޯޕަންތީ 2" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. ޓައިގާ އަކީ މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ތަރިއެކެވެ. އޭނާއާ އެކު ކުރިން ލޯބިވެރިޔާ، ބަތަލާ ޑިޝާ ޕަޓާނީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

މި އަހަރުގެ މާޗްގައި ރިލީޒްކުރި "ބާގީ 3" ގެ ބަތަލުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގަންޕަތު" އާއި "ބާގީ 4" ގެ އިތުރުން "ރާމްބޯ" ހިމެނެ އެވެ.

މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ އަކީ މިދިޔަ އަހަރު ހިންދީ ސިނަމާ އަށް އައި އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ވޯ" ގެ ވެސް ބަތަލެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދިޔައީ ރިތިކް ރޯޝަނާ އެކީގަ އެވެ.

ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން ތަރިންގެ ތެރޭގައި ހިމެނޭ ޓައިގާ ދާދި ފަހުން ވަނީ އަމިއްލަ އަޑުން ރެކޯޑްކުރި ލަވައެއް ވެސް ނެރެފަ އެވެ.

ކޮވިޑް-19އާ އެކު ދިމާކޮށް ކުރިމަތިވި ލޮކްޑައުން އަށް ފަހު، ދަތުރުފަތުރުގެ ހިދުމަތް އަލުން ފެށުމާ އެކު އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން އަންނަނީ ޗުއްޓީ އަށް ރާއްޖެ އަށް އަންނަމުންނެވެ. އިންޑިއާ އަކީ ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިން ރާއްޖެ އައުމަކީ ރާއްޖޭހެ ޓޫރިޒަމް ވެސް ވަރަށް ބޮޑަށް އިޝްތިހާރުވާ ކަމެކެވެ. އިންޑިއާގެ ގިނަ ފިލްމީ ތަރިންނަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެތައް މިލިއަން ބަޔަކު ފޮލޯކުރާ ބައެކެވެ.