10 ޖެނުއަރީ 2021 - 08:00
ހިންދީ ސިނަމާ އަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ކަމަކީ ދީޕިކާ ޕަދްކޯން އާއި ރިތިކް ރޯޝަންގެ ޖޯޑު ފިލްމަކުން ފެނުމެވެ. މި ދެ ތަރިން އެކީގައި ފިލްމެއް ކުޅެން އުޅޭ ވާހަކަ ދޭތެރެ ދޭތެރެ އިން މީޑިއާތަކަށް ތިލަ ވެސް ވެ އެވެ.
އެންމެ ފަހުން މިފަދަ އަޑެއް އެރީ 2019 ގައި ދީޕިކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ގޮތަށް އިއުލާންކުރި "މަހާބާރަތު" އާ ގުޅުވައިގެންނެވެ. އޭރު ބައެއް މީޑިއާތަކުން ބުނީ އެ ފިލްމުގެ ބަތަލުގެ ރޯލު ރިތިކަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަކަށް އެއީ މާ ބޮޑު ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ.
ނަމަވެސް މި މަހުގެ 7 ގައި ދީޕިކާ ކުރި ޓްވީޓަކުން މިހާރު ވަނީ އުންމީދު އަނެއްކާ ވެސް އާކޮށްދީފަ އެވެ. މި މަހުގެ 5 ގައި އޭނާގެ 35 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާތީ ތަހުނިޔާ ކިޔަން ރިތިކް ކުރި ޓްވީޓަކަށް އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ރިތިކް ޓެގްކޮށް ބުނީ "ވަރަށް ބޮޑަށް ޝުކުރިއްޔާ" ކަމަށާއި "ފާހަގަކުރަން ޖެހޭ ވަރުގެ އިތުރު ބޮޑު ކަމެއް ވަރަށް އަވަހަށް އަންނަން އުޅޭ" ކަމަށެވެ.
Thank You so much HR!❤️
— Deepika Padukone (@deepikapadukone) January 7, 2021
Now for another big celebration coming up in a couple of days...!🍰🍾🥂@iHrithik https://t.co/oD2belXkVi
ދީޕިކާގެ މި ޓްވީޓް ފޭނުންނާއި މީޑިއާތަކުން ވެސް މާނަކުރީ ރިތިކާ އެކު ފިލްމެއް ކުޅެން ތައްޔާރުވާން އުޅޭކަމުގެ އިޝާރާތެއްގެ ގޮތުގަ އެވެ.
ދެން އޮތީ ދީޕިކާ އެ ބުނާ "ސެލެބްރޭޝަނަށް" އިންތިޒާރުކޮށްގެން ތިބުމެވެ.
ރިތިކާއި ދީޕިކާ އެކީގައި ސްކްރީން ދެކިލަން ވަރަށް ގިނަ ފޭނުން ބޭނުންވާ އިރު، ރިތިކްގެ ސުޕަހީރޯ ފިލްމު ސީރީޒް "ކްރިޝް" ގެ ހަތަރު ވަނަ ފިލްމުން ދީޕިކާ ފެނިދާނެކަމުގެ އަޑުތަކެއް ވެސް ކުރިން އަރާފައިވެ އެވެ. އަދި ޑައިރެކްޓަރު ފަރާ ޚާން ހަދަން އުޅޭ ފިލްމަކުން ވެސް އެ ދެ ތަރިން އެކީގައި ފެނިދާނެ ކަމަށް ބުނެ ދެކެވުނު ވާހަކަތައް ވެސް ވަރަށް ގިނަ އެވެ.
ޔަގީންވާ ކަމަކީ ރިތިކާއި ދީޕިކާގެ ކެމިސްޓްރީ ބޮޑު ސްކްރީނުން ބަލާލަން ފޭނުން ކެތްތެރިކަން ކުޑަވެފައިވާ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy