ކެންސަރު ޖެހިފައިވާ 100 މީހެއްގެ ފަރުވާ އަށް އެހީވާން ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް ނިންމައިފި އެވެ.

ބަތަލާ ޖާންވީ ކަޕޫރްގެ ބޭބެ ބުނީ ކެންސަރުގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީވާނީ ކެންސަ ޕޭޝަންޓްސް އެއިޑް އެސޯސިއޭޝަނާ ގުޅިގެން ކަމަށެވެ. އަރުޖުންގެ މި އެހީ ދޭން ނިންމާފައި ވަނީ ތަފާތު ގޮތަކަށެވެ. ފަރުވާ އަށް އެހީ ދޭނީ ކައިވެނިކޮށްގެން އުޅޭ ނުވަތަ ލޯބީގެ ގޮތުން ގޮތުން ގުޅިގެން އުޅޭ ބައިވެރިންގެ ތެރެއިން ކެންސަރުގެ ޝިކާރައަކަށްވެފައިވާ މީހުންނަށެވެ.

މަލައިކާ އަރޯރާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަރުޖުން ބުނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު، އެކަކު އަނެކަކަށް އެހީވުމުގެ މުހިންމުކަން ދަސްވި ކަމަށެވެ.

"ލޯބިވާ މީހަކު ކެންސަރު ޖެހިފައިވުމަކީ ކިހާ ހިތްދަތިވާނެ ކަމެއްކަން އަހަންނަށް ވަރަށް ބޮޑަށް އިހުސާސްކުރެވޭ،" ކެންސަރު ބަލީގައި މަންމަ މަރުވި އަރުޖުން ބުންޏެވެ.

ކެންސަރު ބަލީގެ މީހުންނަށް 100 މީހަކަށް އެހީވާން އަރުޖުން ނިންމި އިރު އެއިން ކޮންމެ މީހެއްގެ ފަރުވާ އަށް އޭނާ އަހަރަކަށް އެއް ލައްކަ ރުޕީސްގެ އެހީ ދޭނެ އެވެ.

"މީގެ ސަބަބުން އެފަދަ މީހުން އުފުލަން ޖެހިފައިވާ މާލީ ދަތިކަމަށް ވެސް ވަރަށް ބޮޑު ލުއެއް ލިބިގެން ދާނެ ކަމަށް އަހަރެން ގަބޫލުކުރަން." ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ.