އަލީ އާއި ރިޗާ.
05 މާޗް 2021 - 08:32
އަމިއްލަ ޕްރޮޑަކްޝަން ހައުސްތައް އުފައްދާ ބޮލީވުޑްގެ ތަރިން އިތުރުވަމުން އަންނަ އިރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު އަލީ ފަޒަލް އާއި ބަތަލާ ރިޗާ ޗައްޑާ ވެސް އަމިއްލަ ކުންފުންޏެއް އުފައްދައި، އެ މީހުންގެ ފުރަތަމަ ފިލްމު އިއުލާންކޮށްފި އެވެ.
މި އަހަރު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ދެ ތަރިންގެ ކުންފުނީގެ ނަމަކީ ޕުޝިން ބަޓަންސް ސްޓޫޑިއޯސް އެވެ. އޭގެ ދަށުން ގެނެސްދޭ ފުރަތަމަ ފިލްމަކީ "ގާލްސް ވިލް ބީ ގާލްސް" އެވެ. މީގެ ޑައިރެކްޓަރަކީ ޝުޗީ ޓަލާޓީ އެވެ. އޭނާ އަކީ ކުރިން ގިނަ އަދަދެއްގެ ކުރު ފިލްމުތައް ހަދާފައިވާ މީހެކެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ "އަ ޕީރިއަޑް ޕީސް" ހިމެނެ އެވެ.
މި އަހަރުގެ ބާލިނޭލް ޓެލެންޓްސް ސްކްރިޕްޓް ސްޓޭޝަން ޕްރޮގްރާމަށް ހޮވުނު 10 ސްކްރިޕްޓްގެ ތެރޭގައި ހިމެނޭ "ގާލްސް ވިލް ބީ ގާލްސް" އަކީ އުތުރު އިންޑިއާގެ 16 އަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. ސުޗީގެ މި ސްކްރިޕްޓަކީ ނިއު ޔޯކް ސްޓޭޓް ކައުންސިލް އޮފް ދި އާޓްސް ގްރާންޓް ފޯ ޑިވެލޮޕްމަންޓް ކާމިޔާބުކޮށްފައިވާ އެއްޗެކެވެ.
India’s Ali Fazal, Richa Chadha Launch Production Company With Berlinale Project ‘Girls Will Be Girls’ (EXCLUSIVE) https://t.co/KETXqkCmOz
— Variety (@Variety) March 3, 2021
އަލީ އާއި ރިޗާ ބުނީ އެ މީހުންގެ ކުންފުނީގެ ދަށުން ގެނެސްދޭ ފުރަތަމަ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިއީ ބެލުންތެރިންނަށް ގެނެސްދޭނެ ވަރަށް ފުރިހަމަ ފިލްމަކަށްވާނެ ކަމަށެވެ.
މިދިޔަ އަހަރު ކައިވެނިކުރަން އުޅެނިކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެކަން މި އަހަރަށް ފަސްކޮށްފައިވާ އަލީ އާއި ރިޗާ އަކީ އެކީގައި ވެސް ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ. އޭގެ ތެރޭގައި "ފުކްރޭ" ސީރީޒް ހިމެނެ އެވެ. އޭގެ ތިން ވަނަ ބަޔަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އަލީ، 34، އަކީ ބޮލީވުޑްގެ އިތުރުން އިންޓަނެޝަނަލް ޕްރޮޖެކްޓްތަކުން ވެސް ފުރުސަތު ލިބޭ އެކްޓަރެކެވެ. "ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" ފަދަ ފިލްމުތަކުގައި ހިއްސާވި އެކްޓަރުގެ ކުރިއަށް އޮތް އިންޓަނެޝަނަލް ޕްރޮޖެކްޓަކީ މި އަހަރުގެ ފަހުކޮޅު ގެނެސްދޭ ބަތަލާ ގަލް ގެޑޯގެ "ޑެތު އޮން ދަ ނައިލް" އެވެ.
ދާދި ފަހުން "މެޑަމް ޗީފް މިނިސްޓަރު" އިން ފެނިގެން ދިޔަ ރިޗާ، 34، ގެ އެންމެ ފަހުގެ ފިލްމަކީ "ލާހޯރް ކޮންފިޑެންޝަލް" އެވެ. އޭނާގެ ކުރިއަށް އޮތް އެއް ފިލްމަކީ "އަބީ ތޮ ޕާޓީ ޝުރީ ހުއީ ހޭ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy