ކަރީނާ.
07 އެޕްރީލް 2021 - 07:55
ބަތަލާ ކަރީނާ ކަޕޫރް ފެބްރުއަރީ މަހުގެ 21 ގައި ދެވަނަ ދަރިފުޅު ވިހޭ ނަމަވެސް މިހާތަނަށް ދަރިފުޅު ގެންގުޅެނީ ވަރަށް ފޮރުވައިގެންނެވެ. ރަސްމީކޮށް މިހާތަނަށް ދެވަނަ ފިރިހެން ދަރިފުޅުގެ ފޮޓޯއެއް އާންމުކޮށްފައި ނުވާ އިރު، އެ ކުއްޖާގެ ނަމެއް ވެސް ހާމައެއްނުކުރެ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފުރަތަމަ ދަރިފުޅު ތައިމޫރު، 4، ގެ ތަޖުރިބާއާ ގުޅިގެން ކަރީނާ އާއި ފިރިމީހާ ސައިފް އަލީ ޚާން ބޭނުން ވަނީ މީޑިއާގެ ސަމާލުކަން ދެވަނަ ދަރިފުޅަށް އެއްވެސް ގޮތަކަށް ނުދޭށެވެ. ތައިމޫރަކީ ވިހޭ ދުވަހުން ފެށިގެން ވެސް "ބޮޑު ސްޓާރެކެވެ."
ނަމަވެސް އެ ދެ މީހުންގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް މި ވަނީ "އެކްސިޑެންޓަކުން" ލީކްވެފަ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ވީ ގޮތަކީ ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރްގެ އިންސްޓަގްރާމަށް ކުއްޖާގެ ކޮލާޖްކޮށްފައިވާ ފޮޓޯއެއް "އެކްސިޑެންޓަކުން ލެވުނީ" އެވެ. އެކަމަކު އޭނާ އަށް އެ ފޮޓޯ ޑިލީޓްކޮށްލެވުމުގެ ކުރިން ބައެއް މީހުން ވަނީ ސްކްރީންޝޮޓް ނަގައި ދައުރުކުރަން ފަށައިފަ އެވެ.
ނަމަވެސް ބައެއް މީހުން ވަނީ އެ ފޮޓޯގެ ސައްހަކަމާ ދޭތެރޭ ސުވާލު ވެސް އުފައްދައިފަ އެވެ. ސަބަބަކީ ކުރިން ހަމަ މިގޮތަށް ތައިމޫރުގެ އިތުރުން ދެވަނަ ދަރިފުޅުގެ ފޮޓޯ ކަމަށް ބުނެ ފޮޓޯތަކެއް ވެސް ދައުރުވެފައިވެ އެވެެ.
ކޮންމެއަކަސް ރަންދީރަށް އާންމުކޮށްލެވުނު ކަމަށް ބުނާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުއްޖާ ތައިމޫރުއާ ވަރަށް ވައްތަރެވެ.
ކަރީނާ ވިހޭތާ ކައިރީގައި ރަންދީރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވެސް ކާފަ ދަރި ތައިމޫރުއާ ވަރަށް ވައްތަރު ކަމަށް ބުނެފަ އެވެ. އެ ކުއްޖާގެ ފޮޓޯ ދެކިލަން ފޭނުން ކެތްމަދުވެފައި ތިއްބައި ރަންދީރަށް ޕޯސްޓްކޮށްލެވުނު ކަމަށް ބުނާ ފޮޓޯ އަކީ މި ވަގުތަށް ފޭނުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކަށް ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy