ތަމަޅަ ޑައިރެކްޓަރު ޝަންކަރްގެ ފިލްމެއް ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޝަންކަރާއި ފިލްމުގެ ޕްރޮޑިއުސަރު ޕެން މޫވީގެ ވެރިޔާ ޑރ. ޖަޔަންތީލާލް ގާޅާއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ރަންވީރު ބުނީ ވަރުގަދަ ޑައިރެކްޓަރާ އެކު މަސައްކަތްކުރަން ލިބުނު ފިލްމު އިއުލާންކުރަނީ ފަހުރުވެރިކަމާ އެކީގައި ކަމަށެވެ. ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލެއް ހިއްސާއެއް ނުކުރެ އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ރަންވީރާ އެކު ޝަންކަރު ހަދަން ނިންމާފައި ވަނީ އޭނާ 2005 ގައި ގެނެސްދިން ސައިކޮލޮޖިކަލް އެކްޝަން ތުރިލާ "އައްނިޔަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

އިންޑިއާގައި ވާހަކަ ދައްކާ މައިގަނޑު ހުރިހާ ބަހަކުން ރަންވީރާ އެކު ގެނެސްދޭ ފިލްމު ހަދަން ނިންމާފައިވާ އިރު، ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދު ތެރޭގައި ކަމަށް ވެސް ތަރަން ބުންޏެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންވީރާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ކިއާރާ އަދުވާނީ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.

ރަންވީރުގެ ފިލްމު ކުރިން ޝަންކަރު ގެނެސްދޭނެ ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ލީޑް އެއް އެކްޓަރު ކަމަށްވާ ރާމް ޗަރަންއާ އެކު ހަދާ ފިލްމެކެވެ. އަންނަ އަހަރު ރިލީޒްކުރާ އެ ފިލްމުގައި ފުލުހެއްގެ ރޯލު ކުޅެން ސަލްމާން ޚާނަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.

ޝަންކަރް އެންމެ ފަހުން ގެނެސްދިނީ އަކްޝޭ ކުމާރު ވިލަންއެއްގެ ރޯލު ކުޅުނު ރަޖްނީކާންތުގެ 2018 ގެ "2.0" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކަމަލް ހަސަނާ އެކު ގެނެސްދޭ "އިންޑިއަން 2" އެވެ.

ޝަންކަރްގެ ފިލްމަށް ރަންވީރު ސޮއިކުރި އިރު އޭނާ އަންނަނީ ރޯހިތު ޝެޓީގެ ކޮމެޑީ ފިލްމު "ސާކަސް" ގެ މަސައްކަތްކުރަމުންނެވެ. ރިލީޒްވާން ހުރި ރަންވީރުގެ ފިލްމުތަކަކީ "83" އާއި "ޖަޔޭޝްބާއީ ޖޯރުދާރު" އެވެ.