ކާތިކް.
18 އެޕްރީލް 2021 - 08:23
ދެހާސް ނަވަރާއިގެ ޝޫޓިން ފަށާފައި ވަނިކޮށް ފަހުން ކޮވިޑް-19އާ ހެދި ހުއްޓަމަކަށް އައިސް އޭގެ ފަހުން މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާ، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" އިން ފިލްމުގެ ބަތަލު ކާތިކް އާރިޔަން ވަކިކޮށްފި އެވެ.
މީޑިއާތަކުން ބުނީ ކާތިކް ފިލްމުން ވަކިކުރީ އޭގެ ޝޫޓިން އަލުން ފަށަން ވަގުތު ދޭން މަސައްކަތް ނުކުރުމާ އެކު އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާތީ އާއި "ދޯސްތާނާ 2" ގެ ޓީމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ އެކު އޭނާއާ އެކު މަސައްކަތް ދެން ކުރިއަށް ނުގެންދެވޭނެކަން ކަށަވަރުވުމުންނެވެ.
ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކާތިކްގެ އަމަލުތައް ހުރި ގޮތުން ދަރުމާ އިން މިހާރު ނިންމާފައި ވަނީ އޭނާއާ އެކު ދެން އެއްގޮތަކަށް ވެސް މަސައްކަތް ނުކުރުމަށެވެ.
"ދޯސްތާނާ 2" އަކީ ކުރިއަރަމުން އަންނަ އެކްޓަރު އެ ސްޓޫޑިއޯ އަށް ސޮއިކުރި ފުރަތަމަ ފިލްމެވެ. އަދި އެ ފިލްމުން އޭނާ ވަކިކުރީ ދަރްމާގެ ދެވަނަ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އަޑު އަރާފައި ވަނިކޮށެވެ. އެއީ "ގުންޖަން ސަކްސޭނާ: ދަރަ ކަރްގިލް ގާލް" ގެ ޑައިރެކްޓަރު ޝަރަން ޝަރުމާގެ ދެވަނަ ފިލްމެވެ. ރިޕޯޓްތައް ބުނާގޮތުން ކްރިކެޓަށް ބިނާކޮށް ހަދާ އެ ފިލްމުގައި ކާތިކާ އެކު ބަތަލާގެ ރޯލަށް ޓްރިޕްތީ ދިމްރީ ނަގާފައިވެ އެވެ.
— Dharma Productions (@DharmaMovies) April 16, 2021
"ދޯސްތާނާ 2" އިން ކާތިކް ވަކިކުރިކަން ކަށަވަރުކޮށް ދެމުން ދަރުމާ އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފިލްމުގެ ކާސްޓް އަލުން ތަރުތީބުކުރާނެ ކަމަށާއި މި ވަގުތު ފެތުރެމުންދާ ވާހަކަތަކާ ބެހޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
There have been lots of speculations and conjectures on The casting of Sharan Sharma’s next film for @DharmaMovies... just want to specify that the cast of the film hasn’t been locked as the screenplay is being finalised as we speak.... please wait for an official announcement.
— Karan Johar (@karanjohar) April 13, 2021
އޭގެ ކުރިން ކަރަން ކުރި ޓްވީޓެއްގައި ބުނީ ޝަރަންގެ ފިލްމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވެމުންދާ ކަމަށާއި އެ ފިލްމަށް އަދި ކާސްޓުން ހަމަނުޖައްސާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭގެ ސްކްރިޕްޓް ވެސް އަދި އެއްކޮށް ފައިނަލް ނުކުރާތީ ފަހުން އެއާ ބެހޭ މައުލޫމާތު ހިއްސާކުރާނެ އެެވެ.
"ދޯސްތާނާ 2" އިން ކާތިކް ވަކިކުރުމާ ގުޅިގެން ފިލްމުގެ މަސައްކަތް ދެން އަލުން ޖެހޭނީ އަނެއްކާ ވެސް ސުމަކުން ފަށާށެވެ. މީގެ ސަބަބުން ދަރުމާ އަށް އެ ގެއްލުނީ އެތައް ފައިސާއަކާއި ވަގުތެވެ. އެ ފިލްމަކީ ކޮލިން ޑި ކަންހާ ޑައިރެކްޓްކުރާ ފިލްމެވެ.
"ދޯސްތާނާ 2" ގެ ކާސްޓްގައި ކާތިކާ އެކު ހިމެނުނީ ޖާންވީ ކަޕޫރާއި އަލަށް ތައާރަފުކުރާ ލަކްޝް އެވެ.
ކާތިކް، 30، ޑިސެމްބަރު މަހުގެ ތެރޭގައި ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ނިންމާލާފައިވާ އިރު، މިހާރު އަންނަނީ އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2" ގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމަކީ ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމެކެވެ.
ދެހާސް އެގާރައިގެ "ޕިޔާރު ކާ ޕަންޗްނާމާ" އިން ބޮލީވުޑަށް ތައާރަފުވި ކާތިކް މަޝްހޫރުވެގެން ދިޔައީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ. އެންމެ ފަހުން ރިލީޒްވި އޭނާގެ ފިލްމަކީ މިދިޔަ އަހަރު ކުރީކޮޅު ގެނެސްދިން "ލަވް އާޖް ކަލް" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy