19 އެޕްރީލް 2021 - 12:16
ކޮވިޑް-19 އަށް ޕޮޒިވްވެގެން ފަރުވާ ހޯދުމަށް ފަހު ބަލިން ރަނގަޅުވުމާ އެކު ބޮލީވުޑްގެ މަޝްހޫރު ދެ ލޯބިވެރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް ހޯމަ ދުވަހު ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ހެނދުނު އެ މީހުން ފުރަން މުމްބާއީ އިންޓަނެޝަނަލް އެއާޕޯޓްގައި ތިއްބައި ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. އާލިއާ އާއި ރަންބީރް ކައިވެންޏަށް ވެސް ތައްޔާރީތައް ވަމުން އަންނަކަމުގެ އަޑުތަކެއް އަރާފައިވާ އިރު، މިއީ މި ދެ ތަރިން އެކީގައި ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
އާލިއާ ފެބްރުއަރީ މަހު ވެސް ރައްޓެހިންތަކަކާ އެކު ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. ރަންބީރަކީ ވެސް މީގެ ކުރިން ރާއްޖެ ޒިޔާރަތްކުރި އެކްޓަރެކެވެ. އެގޮތުން ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފާ އެކު 2017 ހިސާބުގައި ރާއްޖެ އައިސްފައިވެ އެވެ.
ރަންބީރާއި އާލިއާ ޗުއްޓި އަށް ރާއްޖެ އައި އިރު ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" އަކީ މަސައްކަތް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ. ދެހާސް އަށާރައިގައި ޝޫޓިން ފެށި ފިލްމު ރިލީޒްކުރާނެ އިރެއް އަދިވެސް ކަށަވަރެއް ނުވެ އެވެ.
މި އަހަރު ރިލީޒްވާން ހުރި އާލިއާގެ ފިލްމުތަކުގެ ތެރޭގައި ޖުލައި 30 ގައި ގެނެސްދޭ "ގަންގޫބާއީ ކަތިއަވާޅީ" އާއި އޮކްޓޯބަރު 13 ގައި ގެނެސްދޭ "އާރްއާރްއާރް" ހިމެނެ އެވެ.
ރަންބީރްގެ ރިލީޒްވާން އޮތް ފިލްމަކީ ޖޫން 25 އަށް ތާވަލުކޮށްފައި އޮތް "ޝަމްޝޭރާ" އެވެ.
މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ބަތަލާ ސާރާ އަލީ ޚާނާއި މަންމަ އަމްރިތާ ސިންގް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީ ހިމެނެ އެވެ.
އިންޑިއާ އަކީ މިހާރު ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ މާކެޓެވެ. އެގޮތުން އެ ގައުމުގެ ގިނަ ފިލްމީ ތަރިންގެ ޗުއްޓީ އާންމު މަންޒިލަކީ މިހާރު ރާއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
19 April 2021
މަރުހަބާ އާލިއާ އިހަކަށްދުވަހުވެސް އައި. މިހާރު އަނެއްކާ އައީ ވަރަށް ރަނގަޅު. އިނިސްޓަގްރާމް އިން ތި ވީޑީއޯ ފެނުނު. ފްލައި ޓު މޯލްޑިވްސް ލިޔެފަ.
ގުލްޒާރު
19 April 2021
ތޭންކިއު ދެބޭފުޅުން.