23 އެޕްރީލް 2021 - 08:25
އުންމީދަކީ ކޮންމެވެސް ދުވަހަކުން އަމީތާބް ބައްޗަންއާ އެކު މަސައްކަތްކޮށްލުން ކަމަށް މިދިޔަ އަހަރު މަރުވި އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ބުނެފި އެވެ.
އަލަތު ފިލްމު "ޤަލާ" ގެ މަސައްކަތްކުރަމުން އަންނަ ބާބިލް، އަމީތާބާ އެކު މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް ބުނެފައި ވަނި އޭނާގެ ބައްޕަ އާއި އަމީތާބްގެ 2015 ގެ ފިލްމު "ޕީކޫ" ގެ ސެޓުން ނަގާފައިވާ ފޮޓޯއަކާ އެކީގަ އެވެ.
އޭގައި އޭނާ ބުނީ ބޭނުން ވަނީ ބައްޕަގެ ފޭނުން އުފާކޮށްދޭން ކަމަށާއި ހުނަރާއި ގާބިލިއްޔަތާއި ބުރަ މަސައްކަތުން އެކަން ހާސިލުކުރެވޭނެ ކަމަށެވެ. އަދި އަމީތާބް ޓެގްކޮށް ބުނީ ކޮންމެވެސް ދުވަހަކުން އެކީގައި މަސައްކަތްކޮށްލެވޭނެ ކަމަށެވެ.
ބާބިލްގެ އަލަތުގެ ފިލްމު "ޤަލާ" އަކީ ނެޓްފްލިކްސް އަށް ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާ އެއްޗެކެވެ. އޭގެ ޝޫޓިން ކުރިއަށްދާ އިރު، އަންވިތާ ދަތު ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ ޓްރިޕްތީ ދިމްރީ އެވެ.
އިރުފާން މިދިޔަ އަހަރުގެ އެޕްރީލް 29 ގައި މަރުވި ފަހުން އޭނާގެ ހަނދާންތައް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ބާބިލް އާކުރެ އެވެ. މި މަހު ބޭއްވި ފިލްމުފެއާ އެވޯޑްސްގައި އިރުފާނަށް ލިބުނު އެވޯޑްތަކާ ވެސް ހަވާލުވީ ބާބިލް އެވެ.
ފިލްމު "އަނގްރޭޒީ މީޑިއަމް" އިން އެންމެ މޮޅު ބަތަލުގެ އެވޯޑާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 66 ވަނަ ފިލްމުފެއާގައި އިރުފާނަށް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy