08 މެއި 2021 - 10:23
ނަން ބަދަލުކުރަން ނިންމާފައިވާ ކަމަށް މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ސަލްމާން ޚާންގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގެ ނަމަކަށް "ބައިޖާން" ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ނަމަކީ އެ ފިލްމު ޕްރޮޑިއުސްކުރާ ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނިން ޝޯޓްސްލިސްޓްކުރި ނަންތަކުގެ ތެރެއިން، ފިލްމުގެ ޓީމްގައި ހިމެނޭ ގިނަ ބަޔަކަށް އެންމެ ބޮޑަށް ގަޔާވެވުނު ނަމެވެ. އަނެއްކޮޅުން ބާއީ އަކީ ސަލްމާނަށް ވަރަށް ގިނަ ބަޔަކު މުހާތަބުކުރާ ގޮތަކަށްވެފައި އޭނާގެ މިޒާޖާ ވެސް ނަން ގުޅޭތީ "ބައިޖާން" ކިޔަން ނިންމާފައި ވަނީ އެވެ.
އެކަމަކު މިކަން އަދި ކަށަވަރެއް ނުވެ އެވެ.
ސަލްމާންގެ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ރާދޭ" ގެ ނަމުގައި ވެސް ބާއީ އެ ލަފުޒު ހިމެނެ އެވެ. އެގޮތުން ފިލްމުގެ ފުރިހަމަ ނަމަކީ "ރާދޭ: ޔޯޒް މޯސްޓް ވޯންޓެޑް ބާއީ" އެވެ. އަދި 2015 ގައި ރިލީޒްކުރި "ބަޖިރަންގީ ބައިޖާން" އަކީ ވެސް އާ ނަމާ ގުޅޭ ނަމެކެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޝޫޓިން ވެސް އަދި ފަށާފައި ނުވާ "ކަބީ އީދު ކަބީ ދިވާލީ" ގެ ނަން ބަދަލުކުރަން ނިންމީ އެ ނަން، ދީނީ މައްސަލައަކަށް ހަދައިގެން ބަޔަކު ނުކުމެ، މައްސަލަ ޖައްސައިފާނެތީ އެފަދަ ކަމަކުން ސަލާމަތްވުމަށެވެ. އީދަކީ މުސްލިމުންނާ ގުޅުން ހުރި ދުވަހެކެވެ. ދިވާލީ އަކީ ހިންދުންގެ ހާއްސަ ދުވަހެކެވެ. އިންޑިއާ އަކީ އަބަދު ވެސް ހިންދޫންނާއި މުސްލިމުންނާ ދެމެދު ކޯޅުން ބޮޑު ގައުމެކެވެ.
ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކުރާ ފިލްމަށް "ކަބީ އީދު ކަބީ ދިވާލީ" ކިޔަން ނިންމީ ފިލްމުގެ ޕްލޮޓަކީ ދެ ދީނެއްގެ މީހުންގެ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާ އެއްޗަކަށްވާތީ އެވެ. މި ފިލްމުގައި ސަލްމާންގެ ކޮއްކޮއިންގެ ގޮތުގައި ޅިޔަނު އާޔޫޝް ޝަރުމާ އާއި ސަލްމާން ޕްރޮޑިއުސްކޮށް 2019 ގައި ގެނެސްދިން "ނޯޓްބުކް" އިން ތައާރަފުކުރި އެކްޓަރު ޒަހީރު އިގްބާލް ވެސް ފެނިގެން ދާނެ އެވެ.
ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy