"ސިންޑްރެއްލާ" ޕްރީމިއާކުރާނެ ވަކި ތާރީހެއް އަދިވެސް އިއުލާނެއް ނުކުރޭ
"ސިންޑްރެއްލާ" ޕޯސްޓަރެއް.
16 މެއި 2021 - 08:22
ސޮނީ ޕިކްޗާޒްގެ "ސިންޑްރެއްލާ" ސިނަމާތަކުގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ނިންމުމަށް ފަހު މި އަހަރުގެ ސެޕްޓެމްބަރު މަހު ދައްކަން ފަށާނެ ކަމަށް އިއުލާނުކޮށްފި އެވެ.
ސެޕްޓެމްބަރުގައި ފިލްމު ގެނެސްދޭން ނިންމިކަން ކަށަށަވަރުކޮށްދިން ނަމަވެސް އަދިވެސް ވަކި ތާރީހެއް ނުނިންމަ އެވެ. "ސިންޑްރެއްލާ" އަކީ ކުރިން ޖުލައި މަހު ސިނަމާތަކަށް ގެންނަން އުޅުނު ފިލްމެކެވެ. އެކަމަކު ސިނަމާތަކުގައި ނާޅުވަން ނިންމީ ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުންނެވެ.
"ސިންޑްރެއްލާ" އަކީ އެ ނަމުގައި ކިޔައި އުޅޭ ހިޔާލީ ވާހަކަ އަށް ބިނާކޮށް ސޮނީން ގެނެސްދޭ ލައިވް-އެކްޝަން މިއުޒިކަލްއެކެވެ. މީގެ ޑައިރެކްޓަރަކީ 2018 ގެ "ބްލޮކާޒް" ގެނެސްދިން ކޭ ކެނަން އެވެ. ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނީ އޭނަ އެވެ.
"ސިންޑްރެއްލާ" ގެ ޓައިޓްލް ރޯލު ކުޅުނީ ލަވަކިޔުންތެރިޔާ ކެމީލާ ކެބެލޯ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ބިލީ ޕޯޓާ، އިޑީނާ މެންޒެލް، ނިކޮލަސް ގެލިޓްޒީން، ޕިއާޒް ބްރޮޒްނަން، ޖޯން މުލަނޭ އަދި ޖޭމްސް ކޯޑެން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy