17 މެއި 2021 - 08:06
ސްޓްރީމިން ޕްލެޓްފޯމްތަކުން ވެސް ބަލައިލެވޭ ގޮތަށް ފިތުރު އީދު ދުވަހު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ރާދޭ": ޔޯ މޯސްޓް ވޯންޓެޑް ބާއީ" އިންޓަނެޓްގައި ލީކްކޮށްފައިވާތީ އެކަން ކުރި މީހުންނަށް އޭނާ އިންޒާރެއް ދީފި އެވެ.
ސަލްމާން އާންމުކުރި ބަޔާނެއްގައި ބުނީ ފިލްމުތަކުގެ ވަގު ވިޔަފާރިކުރާ މީހުންގެ މައްސަލަ މިހާރު ސައިބަ ކްރައިމް ސެލް އަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ފިލްމު ލީކްކޮށްލި މީހުންނަށް ސަލާމަތެއް ނުވެވޭނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި ފިލްމު އޮންލައިންކޮށް ލީކްކުރީ އެކަށީގެންވާ އަގުތަކެއްގައި އިންޑިއާގައި ފިލްމު ބަލައިލުމުގެ ފުރުސަތު ވެސް ދީފައި ވަނިކޮށެވެ. ސިނަމާތަކާ އެއް ދުވަހެއްގައި "ރާދޭ" ރިލީޒްކުރީ ޒީ ނެޓްވޯކްގެ ދަށުން ހިންގާ ޒީ5 އާއި ޒީ ޕްލެކްސް އިން ސްޓްރީމްކުރެވޭ ގޮތަށެވެ. މިއީ ސަލްމާންގެ ފިލްމެއް މިފަދަ ގޮތަކަށް ރިލީޒްކުރި ފުރަތަމަ ފަހަރެވެ.
— Salman Khan (@BeingSalmanKhan) May 15, 2021
ފިލްމުތަކުގެ ވަގު ކޮޕީ ހަދައިގެން ބައެއް މީހުން ވިޔަފާރިކުރާތީ ސަލްމާން ބުނީ ގާނޫނާ ހިލާފު އެފަދަ އަމަަލުތައް ހިންގާ މީހުން ހޯދައި، ސައިބަ ސެލް އިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"ރާދޭ" އަށް ކްރިޓިކުންގެ ފަރާތުން މަސްހުނި ރިވިއުތަކެއް ލިބުނު އިރު، ފިލްމު ރިލީޒްކުރި އިންޓަނޭޝަނަލް މާކެޓްތަކުން އަންނަނީ ފުދޭ ވަރެއްގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ފިލްމަކީ މިހާތަނަށް ޑިޖިޓަލްކޮށް ރިލީޒްކޮށްގެން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު އިންޑިއާގައި ފިލްމު ބެލުމުގެ ރެެކޯޑް ވެސް ހެދި ފިލްމެވެ. އެގޮތުން ފިތުރު އީދު ދުވަހު އެކަނި ފިލްމު ބެލި މީހުންގެ އަދަދު 4.2 މިލިއަނަށް ވުރެ ގިނަ އެވެ.
"ރާދޭ" އަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ބަތަލާ ޑިޝާ ޕަޓާނީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފް އަދި ގޯތަމް ގްލާޓީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy