ކަރަން އެންމެ ފަހުން ޑައިރެކްޓްކުރީ 2016 ގެ "އޭ ދިލް ހެ މުޝްކިލް"
04 ޖޫން 2021 - 08:00
ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކު ޑައިރެކްޓަރު ކަރަން ޖޯހަރް ހަދަން ނިންމާފައިވާ ފިލްމުގެ ނަމަކީ "ޕްރޭމް ކަހާނީ" ކަމަށާއި އޭގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ވާހަކަ ދެކެވެނީ މިދިޔަ އަހަރުން ފެށިގެންނެވެ. އެކަމަކު ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ކަރަން މިހާތަނަކަށް ނުދައްކަ އެވެ. ރަންވީރާއި އާލިއާ ހިމަނައިގެން ރޮމޭންޓިކް ކޮމެޑީއެއް ހަދަން ކަރަން ނިންމި ވާހަކަ މިޑިއާތަކަށް ތިލަވީ އެ ދެ ތަރިން ވެސް ކާސްޓްގައި ހިމެނޭ ގޮތަށް ކަރަން 2018 ގައި އިއުލާންކުރި ތާރީހީ ބޮޑު ފިލްމު "ތަޚުތު" ގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ނުފެށި ދިގުލައިގެން ދާން ފެށުމުންނެވެ. އެހެންވެ ތަންކޮޅެއް ފަހުން އެ ހަދަން ބާއްވާފައި އާލިއާ އާއި ރަންވީރާ އެކު ކަރަން ލޯބީގެ ލައިޓް ހާޓެޑް ފިލްމެއް ހަދަން ނިންމީ ކަމަށް މީޑިއާތަކުން ބުންޏެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކަރަން އާއި އޭނާގެ ރައިޓިން ޕާޓްނަރުން މިހާރު ވަނީ "ޕްރޭމް ކަހާނީ" ގެ ސްކްރީންޕްލޭގެ މައިގަނޑު ޑްރާފްޓް ވެސް ނިންމާލައިފަ އެވެ. އެ ނޫހުން ބުނި ގޮތުގައި މި ފިލްމަކީ ކަރަންގެ އަލަތު ފިލްމު 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ ގޮތަށް އުފާވެރި އިހުސާސްތައް ގެނުވައިދޭ ކަހަލަ ވަރަށް ރީތި ލޯބީގެ ފިލްމަކަށް ވާނެ އެވެ.
އެގޮތުން ފިލްމުގެ ކެރެކްޓާތައް ވެސް އެންމެ މި ޒަމާނުގެ ސްޓައިލްގައި ގެނެސްދޭ އިރު، މީގެ މިއުޒިކް ވެސް ރީތިކުރަން ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ބުނެފައިވެ އެވެ. "ޕްރޭމް ކަހާނީ" ގެ ޝޫޓިން ފަށާނެ އިރެއް އަދި މީޑިއާތަކުން ނުބުނެ އެވެ. އެކަމަކު ބައެއް ނޫސްތަކުން ކުރިން ބުނެފައި ވަނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ރާވަމުންދާ ކަމަށާއި މުޅި ފިލްމު ޝޫޓްކުރާނީ އިންޑިއާގައި ކަމަށެވެ.
ހަންގާމާ އިން ބުނި ގޮތުގައި ޝޫޓިން ފަށަން ވާން ޖެހޭ ތައްޔާރީތަކުގެ ދަށުން މިހާރު އަންނަނީ އޭގެ ކާސްޓާއި ކްރޫގައި ހިމެނޭ އެންމެންނަށް ވެކްސިން ދިނުމުގެ މަސައްކަތްކުރަމުންނެވެ. ހަންގާމާ އިން ބުނީ "ޕްރޭމް ކަހާނީ" ގައި ރަންވީރާއި އާލިއާއާ އެކު ބޮޑު ކާސްޓެއް ފެނިގެންދާނެ ކަމަށެވެ.
މި ފިލްމު ވާނީ ދެ ތަރިން އެކީގައި ކުޅޭ ދެވަނަ ފިލްމަށެވެ. އާލިއާ އާއި ރަންވީރުގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު 2019 ގައި ގެނެސްދިން "ގަލީ ބޯއި" އެވެ.
ކަރަން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. އޭގެ ތަރިންނަކީ ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާ އާއި ޕާކިސްތާނުގެ އެކްޓަރު ފަދާވު ޚާންގެ އިތުރުން އައިޝްވާރިއާ ރާއީ އެވެ.
ކަރަން އިއުލާންކޮށްފައި އޮތް "ތަޚުތު" އަކީ އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ކޮއިލުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭގެ ކާސްޓްގައި ރަންވީރު، އާލިއާ، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރް، ބޫމީ ޕިޑްނޭކަރް އަދި އަނިލް ކަޕޫރް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy