11 ޖޫން 2021 - 08:20
އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ފިލްމުތަކެއްގެ ރައިޓްސް ހޯދައިގެން އެ ފިލްމުތަކަށް ބިނާކޮށް ފިލްމުތަކެއް ކުޅުނު ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އަނެއްކާ ވެސް ދެކުނު ފިލްމެއްގެ ރައިޓްސް ހޯދަން މަސައްކަތް ފަށައިފި އެވެ.
މީޑިއާތަކުން ބުނި އެ ފިލްމަކީ ކުރިން މިދިޔަ މަހުގެ 28 ގައި ރިލީޒްކުރަން އޮއްވައި ކޮވިޑް-19އާ ހެދި ފަސްކޮށްފައިވާ ތެލެގޫ ފިލްމު "ކިލާޅީ" ކަމަށެވެ. މަޝްހޫރު ތެލެގޫ އެކްޓަރު ރަވީ ތޭޖާ ޑަބަލް ރޯލެއް ކުޅެފައިވާ އެ އެކްޝަން ކްރައިމް ތުރިލާ އަކީ ރަމޭޝް ވަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި އޭގެ ޓީޒާ ބަލާފައި އެ ކަމުދިޔަލެއް ބޮޑުކަމުން "ކިލާޅީ" ގެ ރައިޓްސް ހޯދަން ފިލްމުގެ ޓީމަށް ސަލްމާން ހުށަހަޅާފައިވާ އިރު، އުންމީދަކީ އޮރިޖިނަލްގެ ޑައިރެކްޓަރާ އެކު ހިންދީ ފިލްމު ވެސް ގެނެސްދިނުމެވެ.
ދެކުނު ފިލްމުތަކެއް އަސްލަކަށް ބަލައިގެން ހެދި ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ އޭނާ އެންމެ ފަހުން ޝޫޓިން ނިންމައި އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ. އެ ފިލްމަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ކުރިން ސަލްމާން ކުޅުނު އެފަދަ ފިލްމުތަކުގެ ތެރޭގައި 2014 ގެ "ކިކް" އާއި ހަމަ އެ އަހަރުގެ "ޖޭ ހޯ" އާއި 2009 ގެ "ވޯންޓެޑް" އަދި 2011 ގެ "ރެޑީ" ހިމެނެ އެވެ.
މިދިޔަ މަހުގެ 13 ގައި ރިލީޒްކުރި ސަލްމާންގެ "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އަކީ ދެކުނު ކޮރެއާގެ ފިލްމު 2017 ގެ "ދި އައުޓްލޯސް" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. އަދި 2019 ގެ "ބާރަތު" އަކީ ކޮރެއާގެ 2014 ގެ ފިލްމު "އޯޑް ޓު މައި ފާދާ" އަށް ބިނާކޮށް ހެދި ފިލްމެކެވެ.
އަމިއްލަ އޮރިޖިނަލް ފިލްމުތަކުގެ ބަދަލުގައި އެހެން ފިލްމުތަކެއް ޕްލޮޓް ނަގައިގެން ހަދާ ފިލްމުތައް ކުޅޭތީ ސަލްމާނަށް އަބަދު ވެސް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެ އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކަކީ "ޓައިގާ 3" އާއި "ކިކް 2" އަދި "ކަބީ އީދު ކަބީ ދިވާލީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy