10 ޖުލައި 2021 - 08:55
މިދިޔަ އަހަރު ދެވަނަ ދަރިފުޅަށް ބަލިވެއިން ދުވަސްވަރު، ބޮލީވުޑްގެ ބަަތަލާ ކަރީނާ ކަޕޫރް މާބަނޑު މީހުންނަށް ހާއްސަކޮށްގެން ލިޔުނު ފޮތް "ކަރީނާ ކަޕޫރް ޚާންސްގެ ޕްރެގްނަންސީ ބައިބަލް" ހުކުރު ދުވަހު ދައްކާލައިފި އެވެ.
ފޮތުގެ ކަވަރު ދައްކައިލީ އިންސްޓަގްރާމްގައި އާންމުކުރި ވީޑީއޯއަކާ އެކީގަ އެވެ. އޭގައި ފެންނަނީ އަވަނުގެ ތެރެއިން ފޮތް ނަގަނިކޮށެވެ. މި ވިޑިއޯއާ އެކު ކަރީނާ ބުނީ ބަލިވެއިންނަ މީހުންނަށް ހާއްސަކޮށްގެން ގެނެސްދޭ ފޮތަކީ އޭނާ ބަލިވެއިން ދެ ފަހަރުގެ އަމިއްލަ ތަޖުރިބާ ކަމަށާއި ބަލިވެއިނުމާ ގުޅިގެން އޭނާގެ ހަށިގަނޑަށް އައި ބަދަލުތަކާއި ނަފުސާނީ ގޮތުން ކުރިމަތިވި ކަންކަން ވަރަށް ތަފުސީލުކޮށް ހިމަނާފައިވާ ކަމަށެވެ.
ބަލިވެއިންނަ މީހަކަށް ދިމާވާނެ ހުރިހާ ކަމަކަށް ސިއްހީ ގޮތުން ވެސް ކަމުގެ ތަޖުރިބާކާރުންގެ ބަސް ވެސް މި ފޮތުގައި ހިމަނާފައިވެ އެވެ.
"ކަރީނާ ކަޕޫރް ޚާންސްގެ ޕްރެގްނަންސީ ބައިބަލް" އަކީ އަންހެނުންނާއި ޑޮކްޓަރުންނާއި ކަމާބެހޭ ވަރަށް ގިނަ ތަޖުރިބާކާރުންގެ ލަފަ އާއި އިރުޝާދު ހޯދައިގެން ލިޔެފައިވާ ފޮތެކެވެ. މި ފޮތް އިންޑިއާގެ ފެޑެރޭޝަން އޮފް އޮބްސްޓެޓްރިކް އެންޑް ގައިނޮކޮލޮޖިކަލް ސޮސައިޓީޒް އޮފް އިންޑިއާ (އެފްއޯޖީއެސްއައި) ގެ އެޕްރޫލް ވެސް ލިބިވައިފާކަން ކަރީނާ ފާހަގަކޮށްފައިވެ އެވެ.
"ޕްރެގްނަންސީ ބައިބަލް" ނެރެނީ ޖަގަނޯޓް ބުކްސްގެ ތައްގަނޑުގަ އެވެ. އެކަމަކު ފޮތް އާންމުކޮށް ވިއްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެކްޓަރު ސައިފް އަލީ ޚާނާ ކައިވެނިކޮށްގެން ކަރީނާ، 39، ގެ ދެ ކުދިން އެބަތިއްބެވެ. ފުރަތަމަ ދަރިފުޅަށް މިހާރު ހަތަރު އަހަރެވެ. އަދި ދެވަނަ ދަރިފުޅު އުފަންވީ މި އަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ކަރީނާގެ ބަލިވެއިނުމުގެ ތަޖުރިބާ ފޮތެއްގެ ގޮތުގައި މި އަހަރު ނެރޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބީ
10 July 2021
........ޚާންސްގެ.....
ކޮޔާ
10 July 2021
މަގޭ ލޮލުގަވެސް ޖެހިއްޖެ ހަހަހަހަ