16 ޖުލައި 2021 - 08:01
މި އަހަރު އިންޑިއާގެ ސިނަމާތަކަށް ގެންނަން އޮތް އެންމެ ބޮޑު ފިލްމު ކަމަށްވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ މޭކިން އިން ބައެއް ދައްކާލައިފި އެވެ.
ފިލްމުގެ ސެޓްތައް ހަދަން ކުރި މަސައްކަތާއި މަންޒަރުތައް ޝޫޓްކުރަން ކޮށްފައިވާ މަސައްކަތްތަކުގެ ވަރަށް ގިނަ މަންޒަރުތަކެއް ވަރަށް އަވަސްކޮށް މޭކިން ވީޑިއޯގައި ދައްކަ އެވެ. އަދި އެ ވީޑިއޯ ނިންމައިލީ ފިލްމުގެ މައިގަނޑު ކެރެކްޓާތައް ވެސް ދައްކައިލަމުންނެވެ.
ޕީރިއަޑް އެކްޝަން ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "އާރްއާރްއާރް" ގެ ލީޑް ބަތަލުންނަކީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ބަތަލާ އަކީ ބޮލީވުޑްގެ އާލިއާ ބަޓެވެ. އަޖޭ ދޭވްގަން އާއި ޝްރިޔާ ސަރަން ވެސް ކާސްޓްގައި ހިމެނޭ ފިލްމުން އިންޓަނޭޝަލް ކާސްޓުންތަކެއް ވެސް ފެންނާނެ އެވެ.
The effort behind creating the ultimate theatrical experience is here!
— RRR Movie (@RRRMovie) July 15, 2021
Watch the making of #RRRMovie here 🔥🌊 https://t.co/A27oTfLPp1#RoarOfRRR @ssrajamouli @tarak9999 @AlwaysRamCharan @mmkeeravaani @ajaydevgn @aliaa08 @oliviamorris891 @DVVMovies
ޖުމްލަ 400 ކްރޯޑް ރުޕީސް (53.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދޭ "އާރްއާރްއާރް" އަކީ އިންޑިއާ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ދުވަސްވަރު، އެކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.
މި ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމަށްވާތީ "އާރްއާރްއާރް" އަކީ ވަރަށް ފުރިހަމަ އަދި އެހާމެ މޮޅު ފިލްމަކަށްވާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ. މޭކިން ވީޑިއޯ އިން ވެސް މި ފިލްމަކީ ވަރަށް ހާއްސަ ފިލްމަކަށް ވާނެކަން އެނގެ އެވެ.
ސިނަމާތަކަށް "އާރްއާރްއާރް" ގެންނާނީ މި އަހަރުގެ އޮކްޓޯބަރު 13 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy