އާލިއާ.
27 ނޮވެމްބަރ 2021 - 05:43
އަންނަ ޖެނުއަރީ މަހު ރިލީޒްކުރާ "އާރްއާރްއާރް" ގައި ކުޅުނު ރޯލު ކިތަންމެ ކުޑަޔަސް، ބަތަލާ އާލިއާ ބަޓަށް އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ އޭނާގެ ބަހުރުވައިން ނަމަ "ޑްރީމް ޑައިރެކްޓަރަކާ އެކީގައި މަސައްކަތްކުރަން" ލިބުމެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖެނުއަރީ 7 ގައި ރިލީޒްކުރާ "އާރްއާރްއާރް" ގައި އާލިއާ ކުޅެފައިވާ ސީތާގެ ކެރެކްޓާގެ ދިގުމިން 20 މިނިޓަށް ވުރެ ދިގެއް ނުވާނެ އެވެ. ބައެއް މީޑިއާތަކުން ބުނީ ފިލްމުން އާލިއާ ފެންނާނީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓަށެވެ.
މި ވާހަކަ ދެކެވެން ފަށާފައި މި ވަނީ އެ ފިލްމުގައި އެކްޓަރު އަޖޭ ދޭވްގަން ކުޅުނު ކެރެކްޓާ އަކީ އެންމެ 8 މިނިޓް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާ އެކު، އޭނާގެ ފޭނުން ވެސް އެކަމާ ކަރުއެލިފައި ވަނިކޮށެވެ.
ޕީރިއަޑް އެކްޝަން ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "އާރްއާރްއާރް" ގެ މައިގަނޑު ވާހަކަ ބިނާކޮށްފައި އޮތީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ދެ ތަރިއަކަށެވެ. އެއީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. އެހެންވެ، އޭގެ މުޅި ފޯކަސް ފެނާއި އަލިފާނުގެ ގުޅުމުގެ ގޮތުގައި އޮތީ އެ ދެ ތަރިންގެ މައްޗަށެވެ.
"އާރްއާރްއާރް" ގެ ރޯލާ ބެހޭ ގޮތުން އާލިއާ، 28، ބުނީ ރޯލު ކުރަސް ފިލްމަށް އޭނާ އެއްބަސްވީ "ބާހްބަލީ" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީއާ އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތު ދޫކޮށްނުލުމުގެ ގޮތުން ކަމަށެވެ.
"އަހަރެން ބޮލީވުޑަށް ނެރެދިނީ ކަރަން ޖޯހަރް. އެއަށް ވުރެ ވަކި ބޮޑު އުފަލެއް މީހަކަށް ނުލިބޭނެ. ދެން އަހަރެންގެ ޑްރީމް ޑައިރެކްޓަރުންނަކީ ސަންޖޭ ލީލާ ބަންސާލީ އާއި ރާޖަމޯލީ." ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ދަރިފުޅު ބުންޏެވެ.
އަންނަ އަހަރަކީ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އިން ވެސް އާލިއާ ފެންނާނެ އަހަރެކެވެ. އޭނާ ޓައިޓްލް ރޯލު ކުޅުނު އެ ފިލްމަކީ މުޅި ފިލްމު އާލިއާގެ ކެރެކްޓާ އަށް ބިނާކޮށްފައި އޮތް އެއްޗެކެވެ. ކަރަން މިހާރު ހަދަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލާ އަކީ ވެސް އާލިއާ އެވެ. އެ ފިލްމު ވެސް އަންނަ އަހަރު ރިލީޒްކުރާނެ އެވެ. އެހެންވެ 2022 އަކީ ހުނަރުވެރި، ކާމިޔާބު ބަތަލާ އަށް ވަރަށް ވެސް ހާއްސަ އަހަރަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy