ބަންސާލީގެ "ގަންގޫބާއީ" ގައި އަޖޭގެ ކެރެކްޓާގެ ދިގުމިނަކީ 20 މިނިޓް
"އާރްއާރްއާރް' ގެ ޕޯސްޓަރެއްގައި އަޖޭ.
21 ނޮވެމްބަރ 2021 - 06:10
އަންނަ އަހަރު ރިލީޒްވާން އޮތް އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގައި ވެސް ހިމެނޭނީ އަޖޭ ދޭވްގަންގެ ވަރަށް ކުރު ރޯލުތަކެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރުގެ "އާރްއާރްއާރް" ގައި ހިމެނޭނީ އަޖޭގެ އެންމެ 8 މިނިޓެވެ. މިއީ ޔަގީނުން ވެސް މި ފިލްމުގެ އިންތިޒާރުގައި ތިބި އަޖޭގެ ފޭނުންނަށް ލިބޭނެ ވަރަށް މާޔޫސީ ޚަބަރަކަށް ވާނެ އެވެ. މައިގަނޑު ޕްލޮޓް ހަނގުރާމައިގެ ހާދިސާތަކަށް ހަދާފައިވާ ފިލްމުގައި އަޖޭގެ ރޯލު ކިތަންމެ ކުރަސް އޭނާގެ ކެރެކްޓާ އަކީ ފިލްމުގެ ވާހަކައިގެ ވަރަށް މުހިންމު ބައެއް ކަމަށް ރާޖަމޯލީ ކުރިން ބުނެފައިވެ އެވެ.
އަޖޭ ބުނެފައިވާ ގޮތުގައި "އާރްއާރްއާރް" އިން ލިބުނު ފުރުސަތު ދޫކޮށްލަން ބޭނުން ނުވީ ރާޖަމޯލީގެ ފަރާތުން ކުރިން ވެސް ހުށަހެޅުންތަކެއް ލިބިފައި، ވަގުތުގެ ތާށިކަމާ ހުރެ އެ ފުރުސަތުތަކުގެ ބޭނުން ކުރަން ނުހިފި އޮތުމުންނެވެ.
އަންނަ ޖެނުއަރީ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "އާރްއާރްއާރް" އަކީ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. އިނގިރޭސީންގެ ބާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރުގެ ތެރެއިން 1920 ގެ ހާދިސާތަކެއް ފެނިގެންދާ ފިލްމުގެ ލީޑް އެކްޓަރުންނަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ.
މި ދެ ތަރިން ލީޑްކުރާ ފިލްމުގައި އަޖޭގެ ރޯލު ކިތަންމެ ކުޑަޔަސް، އެ ރޯލު ހާއްސަ ކަމަށްޓަކައި ދާދި ފަހުން އާންމުކުރި ޓީޒާއެއްގައި ވެސް އަޖޭ ހިމަނާފައިވެ އެވެ. އަދި ފިލްމުގެ ޕޯސްޓަރުގައި ވެސް އަޖޭ ހިމަނާފައިވެ އެވެ. "އާރްއާރްއާރް" ގެ ބަތަލާ އަކީ އާލިއާ ބަޓެވެ. ފިލްމުގައި އޭނާގެ ރޯލު ވެސް މާ ބޮޑެއް ނުވާނެ އެވެ.
އަޖޭ ކުޑަ ރޯލަކުން ފެންނާނެ އަނެއް ފިލްމަކީ ފެބްރުއަރީ 18 ގައި ގެނެސްދޭ ބަންސާލީގެ "ގަންގޫބާއީ" އެެވެ. މި ފިލްމަކީ ޒުވާން ބަތަލާ އާލިއާ ޓައިޓްލް ރޯލު ކުޅެފައިވާ ފިލްމެކެވެ. އެހެންވެ މުޅި ފިލްމުގެ ފޯކަސް އަކީ އޭނަ އެވެ. އަޖޭ "ގަންގޫބާއީ" ގައި ކުޅެފައިވާ ކަރީމް ލާލާގެ ކެރެކްޓާގެ ދިގު މިނަކީ އެންމެ 20 މިނިޓެވެ.
ބަންސާލީއާ އެކު އަޖޭ.
މީގެ ކުރިން ވެސް އޭނާ ވަނީ ބަންސާލީގެ ފިލްމެއްގައި މާ ބޮޑު ނޫން ސަޕޯޓިން ރޯލެއް ކުޅެފަ އެވެ. އެއީ ސަލްމާން ޚާނާއި އައިޝްވާރިއާ ރާއީ ލީޑް ރޯލު ކުޅުނު 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އެވެ.
އަންނަ އަހަރު ރިލީޒްކުރާ ބޮޑު ދެ ފިލްމެއްގައި އަޖޭގެ ކުޑަކުޑަ ރޯލުތަކެއް ހިމެނުނަސް އޭނާގެ ވަރުގަދަ އިތުރު ފިލްމުތަކެއް އަންނަ އަހަރު ރިލީޒް ކުރާނެ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ކުޅިވަރު ފިލްމު "މައިދާން" އާއި އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅޭ "މޭޑޭ" ގެ އިތުރުން "ތޭންކް ގޯޑް" އެވެ.
މި މަހުގެ 5 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަކީ ވެސް އަޖޭގެ ހާއްސަ ފެނިލުމެއް ހިމެނޭ ފިލްމެކެވެ. އެއީ އޭނާގެ މަގުބޫލު ފުލުސް ކެރެކްޓާ ސިންގަމްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy