ސަމީރާ.
16 ސެޕްޓެމްބަރ 2021 - 07:12
ބަތަލާ ސަމީރާ ރެޑީ 2014 ގައި ކައިވެނިކުރި ފަހުން އެކްޓިންއާ ވަރަށް ބޮޑަށް ދުރެވެ. އުމުރުން 42 އަހަރުގެ ބަތަލާ ދެ ދަރިންނާ އެކު މިހާރު އޭނާ އަކީ ތަފާތު މީހެކެވެ.
ފިލްމުތަކުން ވަރަށް ގްލެމަރަސްކޮށް ފެނުނު ބަތަލާ އިންސްޓަގްރާމްގައި އަބަދުވެސް ވަރަށް ހަރަކާތްތެރި އެވެ. އެކަމަކު އެއިން ފެންނަނީ ފިލްމުތަކުން ފެނުނު ގޮތަކަށް ނޫނެވެ.
މީގެ ކުރިން ސަމީރާ ޕޯސްޓްކުރި ފޮޓޯއެއްގައި، އޭނާގެ ބޮލުގައި ނުރަ ޖަހާފައިވާތީ އެކަން ފާހަގަކޮށް އެ ވާހަކަ ދައްކާފައިވެ އެވެ. މިހާރު އަނެއްކާ ވެސް ހަމަ މިފަދަ ފޮޓޯއަކާ އެކު ނުރައާ ބެހޭ ބައެއް ވާހަކަތައް ސަމީރާ ދައްކާފައިވެ އެވެ.
އެ ޕޯސްޓްގައި އޭނާ ބުނީ ނުރަ ފޮރުވަން މަސައްކަތްނުކުރާތީ އެކަމާ ކަންބޮޑުވެގެން ބައްޕަ ވެސް ސުވާލުކުރާ ކަމަށެވެ. ސަބަބަކީ ނުރަ އިސްތަށިތަކާ އެކު ފާޑުކިޔުންތައް އަމާޒުވާނެ ކަމަށް ބައްޕަ ވެސް ގަބޫލުކުރުމެވެ. އެކަމާ ގުޅުވައިގެން ސަމީރާ ބުނީ ބަޔަކު ކިޔައިފާނެ އެއްޗަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.
ސަލްމާން ޚާންގެ ކޮއްކޮ ސުހައި ޚާން ޑައިރެކްޓްކުރި 2002 ގެ ފިލްމު "މޭނޭ ދިލް ތުޖުކޮ ދިޔާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުނި ގޮތުގައި ކުރިން އޭނާ އަކީ ކޮންމެ ދެ ހަފުތާއަކުން އިސްތަށިގަނޑު ކުލަ ޖައްސާ މީހެކެވެ. އެކަމަކު އެކަން ކުރަން މިހާރު ބޭނުން ނުވާ ކަމަށާއި ނުވެސް ކުރާނެ ކަމަށް ބުންޏެވެ.
ސަމީރާ ބުނި ގޮތުގައި ބޮލުގައި ނުރަ ހުރުމަކީ މީހާ މުސްކުޅިވުމެއް ނޫނެވެ. އަދި އުމުރުން ދުވަސްވާރަކަށް ގުދުރަތީ ގޮތުން ކޮންމެ މީހަކަށް ވެސް އެކި ކަހަލަ ބަދަލުތައް އަންނާނެ ކަމަށާއި އެކަން ބަދަލުކުރަން ކޮންމެހެން މަސައްކަތްކުރަން ނުޖެހޭ ކަމަށް ބުންޏެވެ.
"ބަދަލު އައުމަކީ އަހަންނަށް އެކަނިވާނެ ކަމެއް ނޫން. މިއީ ހުރިހާ އެންމެންނަށް ވެސް އަންނާނެ ބަދަލުތަކެއް. އެހެންވީމަ އެކަމަކާ ކަންބޮޑުވާކަށް، އަދި ބަޔަކު ކިޔައިފާނެ އެއްޗަކަށް ބަލާކަށް ނުޖެހޭ،" ސަމީރާ ބުންޏެވެ. "މީހާގެ ސިފަ އަށް ބަދަލު އައުން ބަލައިގަންނަން ޖެހެނީ އަމިއްލަ ނަފުސަށް އިތުރުބާރުކުރުމާ އެކު. އެއީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން."
އޭނާ ބުނީ ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ހަށިގަނޑާއި ސިފައާ ދޭތެރޭ ހިތްހަޖެހެންވާނެ ކަމަށާއި އަމިއްލަ އަށް ކަންބޮޑުވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.
ސަމީރާ އަކީ ރީތި ބަތަލާއެއްގެ ގޮތުގައި ފާހަގަކުރި ބަތަލާއެކެވެ. އަދި ފިލްމު ކުޅުނު ދުވަސްވަރު އޭނާ އަކީ ސްޓައިލިޝް ވެސް ބަތަލާއެކެވެ. އެކަމަކު މިހާރު ސަމީރާ ފެންނަނީ ފިލްމީ ތަރިއެކޭ ބުނާ ވަރަށް ވުރެ ތަފާތުކޮށެވެ.
އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "މުސާފިރު"، "ނޯ އެންޓްރީ"، "ރޭސް"، "ނަކްޝާ" އަދި "ދޭ ދަނާ ދަން" ފަދަ ފިލްމުތައް ހިމެނެ އެވެ. ސަމީރާގެ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2012 ގެ "ތޭޒް" އެވެ.
ތެލެގޫ، ބެންގާލީ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ ފިލްމުތަކެއް ސަމީރާ ވެސް ކުޅެފައިވެ އެވެ. އޭނާގެ ފިރިމީހާ އަކީ އަކްޝާއީ ވަރުދޭ އަކީ ވިޔަފާރިވެރިއެކެވެ. އެ ދެ މީހުންގެ ދަރިންނަކީ ހަންސް ވަރުދޭ، 6، އާއި ނައިރާ ވަރުދޭ، 2، އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2021
16 September 2021
ސަމީރާ ވަރެއްނެތް
އަތާ
16 September 2021
ގަޓު ހުރެގެން ތިކަހަލަ ކަމެއް އަންހެނުންނަށްވާނީ.