ސާރާ އަދި ވިކީ.
30 ސެޕްޓެމްބަރ 2021 - 06:30
ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލާއި ސާރާ އަލީ ޚާން އެކީގައި ކުޅެން އޮތް ފުރަތަމަ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށާ ގޮތަށް އޮއްވާ ޑައިރެކްޓަރާއި ޕްރޮޑިއުސަރާ ދެމެދު ބަޖެޓްގެ މައްސަލާގައި ހިޔާލު ތަފާތުވެ، ފިލްމުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް އޭގެ ދެ ތަރިން އެކީގައި އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމަކީ މި މަހުގެ ކުރީކޮޅު ސާރާ ސޮއިކުރި ކަމަށް ބުނާ ޑައިރެކްޓަރު ލަކްޝަމް އުޓޭކަރްގެ އާ ފިލްމެވެ. މިދިޔަ މަހު ކްރިތީ ސެނަންގެ "މިމީ" ގެނެސްދިން ޑައިރެކްޓަރުގެ ފިލްމުގައި ސާރާއާ އެކު ބަތަކުގެ ރޯލުގެ ކުޅެން ވިކީ މިހާރު ސޮއިކޮށްފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސާރާގެ މިދިޔަ އަހަރުގެ ފިލްމު "ލަވް އާޖް ކަލް" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ސޯޝަލް ކޮމެޑީއެއްގައި ގޮތުގައި ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ 5 ގައި ފަށާނެ އެވެ.
ސާރާ އާއި ވިކީ އަށް އެކީގައި ކުޅުން ލިބުނު ފުރަތަމަ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" އަކީ ސުޕަހީރޯ ފިލްމެކެވެ. އޭގެ ޑައިރެކްޓްރަކީ ވިކީ އަށް މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ލިބުނު 2019 ގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ހެދި އަދިތިޔާ ދާރް އެވެ.
ބަޖެޓްގެ މައްސަލާގައި އަދިތިޔާ އާއި ޕްރޮޑިއުސަރު ރޯނޫ ސްކްރޫވާލާއާ ދެމެދު ކުނިޖެހި ފިލްމު މިހާރު އޮތީ ވާނުވާގަ އެވެ.
ވިކީއާ އެކު މަސައްކަތް ކުރަން ދެވަނަ ފިލްމެއް ސާރާ އަށް ލިބުނު އިރު، ވިކީގެ ކޮއްކޮ ސަނީ ކޯޝަލާ އެކު ވެސް ފިލްމެއް ކުޅެން އޭނާ ސޮއިކޮށްފައިވެ އެވެ. އެ ފިލްމަކީ ސާރާގެ އަދި ރިލީޒްނުކޮށް "އަތުރަންގީ ރޭ" ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ ޕްރޮޑިއުސްކުރާ "ނަކްރޭވާލީ" އެވެ.
ސާރާ މިހާރު އަންނަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި "ގޭސްލައިޓް" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ. މި ފިލްމަކީ އޭނާގެ ބައްޕަ ސައިފް އަލީ ޚާނާ އެކު މި މަހުގެ 10 ގައި "ބޫތު ޕޮލިސް" ގެނެސްދިން ޕަވަން ކިރްޕަލާނީ ޑައިރެކްޓްކުރާ ފިލްމެކެވެ. "ގޭސްލައިޓް" ގެ ކާސްޓްގައި ވިކްރާންތު މަސީ އާއި ޗިތުރަންގަދާ ސިންގް ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
30 September 2021
ސާބަހޭ އަލް އަހް އަދްޝަން.