ސަނީ.
16 އޮކްޓޯބަރ 2021 - 06:23
އެކްޓަރު ސަނީ ޑިއޯލްގެ ކެރިއެރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެެލް 20 އަހަރު ފަހުން އަންނަ އަހަރު ގެނެސްދޭނެކަން އިއުލާންކޮށް، މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
ދެހާސް ނަވާރައިން ފެށިގެން މި ފިލްމުގެ ވާހަކަ ދެކެވެމުން އަންނަ އިރު "ގަދަރު 2" ގެ މައިގަނޑު ކާސްޓްގައި ވެސް ހިމެނެނީ ހަމަ ކުރީގެ ވެސް ކާސްޓެވެ. އެގޮތުން ފިލްމުގެ ބަތަލާ އަކީ އަމީޝާ ޕަޓޭލް އެވެ. އޭނާ އާއި ސަނީގެ ދަރިފުޅުގެ ރޯލު ކުޅުނު އުތުކާޝް ޝަރުމާ މިހާރު ބޮޑުވެފައިވާތީ އާ ފިލްމުގެ ޕްލޮޓް އޭނާ އަށް ވަރަށް ބޮޑަށް ބިނާކޮށްފައި އޮންނާނެ އެވެ. އުތުކާޝް، 27، އަކީ "ގަދަރު" ގެ ޑައިރެކްޓަރު އަނިލް ޝަރުމާގެ ދަރިއެކެވެ. އޭނާ ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނެރުނީ އަނިލްގެ 2018 ގެ ފިލްމު "ޖީނިއަސް" އިންނެވެ.
ވަރަށް އަވަހަށް ޝޫޓިން ވެސް ފަށަން ހަމަޖެހިފައިވާ "ގަދަރު 2" އާ ބެހޭ ގޮތުން ސަނީ، 64، ބުނީ އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމުގެ ވާހަކައިގެ އިތުރު ބަޔަކަށް ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރީގެ ފިލްމު ގެނުވި ޖާދޫ ދެވަނަ ބައިން ވެސް ގެނެސްދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
"ގަދަރު" ގައި ކިޔައިދިނީ ބޮޑު ހަތުރުވެރިކަމެއް އޮންނަ ދެ ގައުމު ކަމަށްވާ އިންޑިއާގެ ފިރިހެނަކާއި ޕާކިސްތާންގެ އަންހެނެއްގެ އަސަރު ގަދަ ލޯބީގެ ވާހަކަ އެވެ. މީގެ ދެވަނަ ބައި އިއުލާންކުރި އިރު ސަނީ މިހާރު އަންނަނީ ޑައިރެކްޓަރު އާރް ބަލްކީގެ ތުރިލާ "ޗުޕް" ގެ މަސައްކަތްކުރަމުންނެވެ.
އަންނަ އަހަރު "ގަދަރު 2" ގެނެސްދޭނެކަން އަނިލް އިއުލާންކުރި އިރު ސަނީ އާއި އޭނާގެ ބައްޕަ ދަރުމެންދުރާ އާއި ކޮއްކޮ ބޮބީ ޑިއޯލްއާ ހިމަނައިގެން އަނިލް 2007 ގައި ގެނެސްދިން "އަޕްނޭ" ގެ ސީކްއެލް ވެސް އޮތީ އިއުލާންކޮށްފަ އެވެ. އެ މީހުންނާ އެކު އާ ފިލްމުގެ ކާސްޓްގައި ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް ހިމެނެ އެވެ.
"ގަދަރު" އަކީ ޖޫން 15، 2001 ގައި ރިލީޒްކުރި ފިލްމެކެވެ. "ގަދަރު 2" އަންނަ އަހަރު ގެނެސް ދޭނެކަން އިއުލާން ކުރިޔަސް. ފިލްމު ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy